ދިވެހިރާއްޖެ މިއަދު މިވަނީ އިގްތިސާދީ އަދި ސިޔާސީ ގޮތުން ނުހަނު ނުރައްކާތެރި ފައްތަރެއްގަ އެވެ. ގައުމުގެ މިސްރާބު ހުރި ގޮތުން ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމެވެ. މިއީ ގައުމު އަމާން އައްސޭރިއަކަށް ގެންގޮސްދެވޭނެ ފަދަ ތަޖުރިބާކާރު، ހަރުދަނާ ލީޑަރަކަށް މުޅި ގައުމު އެދި ގޮވަމުންދާ ވަގުތެވެ. މި ހާލަތުން ގައުމު އަލުން އާރާސްތުކޮށް، ކުރިއެރުން ހޯދައިދެވޭނީ އެމްޑީޕީގެ ހަރުދަނާ ސިޔާސަތުތަކަށް ކަމާމެދު ޝައްކެއް އޮތް ދިވެއްސަކު މިއަދަކު ނެތެވެ.
މިއަދު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކުރިމަތިލާން ޖެހިފައި ވަނީ ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ހިތްދަތި ހަގީގަތާ އެވެ. ކާބޯތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް، އިންފްލޭޝަން ރޭޓު މިއިން ދުވަހަކު ނުދާހާ މަތީ މިންވަރަކަށް އުފުލި، ދިވެހި ފައިސާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ގައުމު ދަރަނީގެ މަޅިއެއްގައި ތާށިވެ، އިގްތިސާދީ ދުވެލި ހުއްޓިފައިވާއިރު، އެ ދަރަނިތަކުން ސަލާމަތްވާނެ ސާފު މަގެއް ފެންނާކަށް ނެތެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އަވައްޓެރި އެކުވެރި ގައުމުތަކުގެ އިތުބާރު ގެއްލި، ޚާރިޖީ ގުޅުންތައް ވަނީ ދުވަހަކު ވެސް ހީނަރު ނުވާހާ މިންވަރަށް ބަލިކަށިވެފަ އެވެ. ރާއްޖެ މިއަދު މިވަނީ ބައިނަލްއަގުވާމީ މައިދާނުގައި އެކަނިވެ، ބިކަވެފަ އެވެ.
މި ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލިފައިވުމެވެ. މި އިތުބާރު އަލުން އާލާކޮށް، ދުނިޔޭގެ ގައުމުތަކާއެކު އޮތް ގުޅުން ބަދަހިކުރެވޭނެ ފަދަ ޚާރިޖީ މާހިރަކަށް ގައުމު ބޭނުންވެފައިވާއިރު، އެފަދަ ޝަޚުސިއްޔަތެއް ނެރެވޭނީ އެމްޑީޕީގެ ވަރުގަދަ ސަފުތަކުންނެވެ. އެ ބޭފުޅަކު ވާންޖެހޭނީ ދުނިޔޭގެ މާލީ އިދާރާތަކަށް ފަރިތަ، ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިހުތިރާމް ލިބިވަޑައިގެންފައިވާ، ތަޖުރިބާކާރު ބޭފުޅަކަށެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ދެބައިވެ، ސިޔާސަތުތައް ފެއިލްވެ، ރައްޔިތުން މި ނޫން ލީޑަޝިޕަކަށް އެދި ގޮވަމުންދާއިރު، ގިނަ ބަޔަކު މިއަދު ކުރަމުންދާ ސުވާލަކީ، އިނދިކޮޅު އެމްޑީޕީން ރައްޔިތުންނަށް ދައްކާނޭ ހައްލަކީ ކޮބައިތޯ އެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އެޕާޓީއަށް ހޯދާ ދެވޭނީ ކޮންހައްލެއްތޯ އެވެ. އެމްޑީޕީގެ ރަންރީނދޫ އުދަރެހުން އެފަދަ ތަރިއެއް ފާޅުވާން އެބަހުރިތޯ އެވެ.
ވިދާ ބަބުޅަބަބުޅާ އެބަހުއްޓެވެ. އެއީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސްކަން ކުރެއްވި އަދި ކުރީގެ ޚާރިޖީ ވަޒީރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ.
އެގޮތުން ބަލާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އެމްޑީޕީ ލީޑަޝިޕްގައި މިވަތު ތިއްބެވި ލީޑަރުންގެ ތެރެއިން، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސްކަން ކުރެއްވި އަދި ކުރީގެ ޚާރިޖީ ވަޒީރު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަކީ މި ރާއްޖެއަށް ކުރިމަތިވަމުންދާ އިގްތިސާދީ އަދި ސިޔާސީ ބޮޑެތި މައްސަލަތަކުގެ ހައްލެވެ. ފަރަށް އަރާފައިވާ ގައުމީ އޮޑި އަލުން ފުންކޮށް، ގައުމާއިގެން އަމާން ބަނދަރަކަށް ދަތުރުކުރުމުގެ ގާބިލްކަމާއި ކުލަދާނަކަން، އެންމެ ފުރިހަމަޔަށް މިވަގުތު ލިބިވަޑައިގެން ހުންނެވި ހަމައެކަނި ލީޑަރަކީ އެމަނިކުފާނު ކަމުގައި ގިނަ ބަޔަކު މިއަދު ގަބޫކުރެ އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ރާއްޖޭގައި އަބްދުﷲ ޝާހިދަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ފުންނާބު އުސް ޑިޕްލޮމެޓެވެ. އދ. ގައި އެމަނިކުފާނު ދެއްކެވި ހިކުމަތްތެރިކަމާއި، ކުދި ގައުމުތަކުގެ ހައްގުގައި ކުރެއްވި މަސައްކަތްޕުޅުތަކަކީ މުޅި ދުނިޔެ ބަލައިގަތް ކަންކަމެވެ. އެމަނިކުފާނުގެ ދުރު ވިސްނޭ ޚާރިޖީ ސިޔާސަތުގެ ސަބަބުން، ހީނަރުވެފައިވާ ރާއްޖޭގެ ޚާރިޖީ ގުޅުންތައް އާލާކޮށް، ގައުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ ފުރިހަމަ ގާބިލުކަން އެމަނިކުފާނުގެ ކިބައިގައި އެބަހުއްޓެވެ.
އަންނަ ރިޔާސީ އިންތިހާބުގައި، 2028 ވަނަ އަހަރު ގައުމުގެ ޒައާމަތު ހަވާލުކުރަން ޖެހެނީ ޓެސްޓު ކުރެވި، ނަތީޖާ ދައްކާފައިވާ ލީޑަރަކާ އެވެ. އެ މަގާމަށް އަބްދުﷲ ޝާހިދު ނުކުންނަވަން ޖެހެނީ ގައުމުގެ ސަލާމަތަށްޓަކައި އެނޫން އިތުރު އިހުތިޔާރެއް މިއަދު ނެތީމަ އެވެ.
އެމަނިކުފާނަކީ އެންމެން ގޮވައިގެން މަސައްކަތް ކުރެއްވުމުގެ ހުނަރު ހުރި، މެދުމިނުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެމްޑީޕީގެ އެތެރޭގެ މަސްލަތު ހިފަހައްޓައި، ޕާޓީ ވަރުގަދަ ކުރުމުގެ އިތުރުން، އެހެން ސިޔާސީ ފިކުރުތަކަށް ވެސް ބަލައިގަނެވޭނެ ފަދަ ޝަޚުސިއްޔަތެކެވެ. ގައުމު މިއަދު އޮތް އަނދަވަޅުން ސަލާމަތްކޮށް، ތަނަވަސް ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި އަބްދުﷲ ޝާހިދުގެ ތަޖުރިބާއަށް ގައުމުގެ ހާލުގެ ދުލުން މިއަދު ދަނީ އެދި ގޮވަމުންނެވެ.
އެހެންކަމުން، 2028 ގައި އަބްދުﷲ ޝާހިދު ރާއްޖޭގެ ރައީސްކަމަށް އައުމަކީ ހަމައެކަނި ސިޔާސީ ބަދަލެއް ނޫނެވެ. އެއީ ގައުމުގެ ސަލާމަތާއި، ތަރައްގީ އާއި، ކުރިމަގަށްޓަކައި ނިންމަންޖެހޭ އެންމެ މުހިންމު ނިންމުން ކަމުގައި ގިނަބަޔަކު ދަނީ ގަބޫލުކުރަމުންނެވެ.
ކާތަކެތީގެ އަގު މިދިޔަ މަހު 5.89 ޕަސެންޓަށް އުފުލިއްޖެ
އެންމެ ގިނައިން ޓެކްސްދެއްކި ފަރާތްތަކުގެ އަގު ވަޒަންކޮށްފި
"މުއިއްޒު އެއްވެސް ކޮމިޓީއެއްގައި ނީންނަވާ، ހިސާބުޖެހީ އަދުރޭ"