އިގްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ސްރީލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ހަވާލުކުރައްވައިފި އެވެ.

ރައީސް ނަޝީދު މިކަމަށް ހަމަޖެއްސެވީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާއި ރައީސް މުހައްމަދު ނަޝީދާއި ފޯނުން ގުޅުއްވާ ކުރެއްވި މަޝްވަރާތަކުގަ އެވެ. ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާގެ އޮފީހާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި ރަނިލް އާއި ނަޝީދާ ކުރެއްވި މަޝްވަރާތަކެއްގައި ނަޝީދު ވަނީ ލަންކާއަށް ބޭރު ގައުމުތަކުގެ އެހީ ހޯދައިދީ އެ ގައުމަށް އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމުގައި އެހީވުމަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުން ރަނިލް ގަބޫލު ކުރެއްވި ކަމަށާއި އެހީ ހޯދުމުގެ ކަންކަމުގައި ކޯޑިނޭޓު ކުރަން ނަޝީދު އައްޔަން ކުރެއްވި ކަމަށް ނޫސްތަކުގައިވެ އެވެ.

ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމާއި ގުޅިގެން އެގައުމުގެ ހާލަތު ވަނީ ގޯސްވެފަ އެވެ. އޭގެ ފަހުން އެ ގައުމުގައި މުޒާހަރާ އާއި ހަމަނުޖެހުންތައްވެސް ދަނީ ހިންގަމުންނެވެ. ލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ހަފްތާ ހޯމަ ދުވަހު އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިދަނޑިވަޅުގައި ލަންކާއަށް ބައިނަލްއަގްވާމީ އެހޯ ހޯދުމަށް ރައީސް ނަޝީދު ހަމަޖެއްސެވިއިރު މި ރަނިލްއާއި ނަޝީދަކީ ވަރަށް ގާތް ދެބޭފުޅުންކަން ފާހަގަކޮށްލެވެ އެވެ.