ވިއްސާރަ މޫސުމަކީ މަދިރި އާލާވުން ގިނަވާ ދުވަސްވަރަކަށް ވުމާއެކު މި މޫސުމުގައި މަދިރި ހެފުމުން ދިމާވާ އުނދަގޫތައް ވެސް ގިނަވެ އެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް އާއްމުކޮށް ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު މި ލިޔުމުގައި މި ބަލާލަނީ މަދިރި ހެފުމުން ނަގާ ބިއްސަށް ގޭގައި ދެވިދާނެ ބައެއް ފަރުވާ ތަކަށެވެ.

ފިޔާ

ފިޔައެއް މެދުން ބުރި ކޮށްލުމަށްފަހު ކަހާ ތަނުގައި ނުވަތަ ބިހި ނަގާފައިވާ ތަނުގައި ޖައްސާލާށެވެ. އޭގައި އެކުލެވޭ އެންޓި-ފަންގަލް ސިފަތަކުގެ ސަބަބުން އެތަންތަން އަވަހަށް ފަސޭހަވެ އެވެ. މިގޮތަށް ފިޔާ ޖައްސައިގެން މިނެޓެއްހާއިރު މަޑު ކުރުމަށްފަހު ފިޔާ ޖެއްސި ތަން ރަނގަޅަށް ދޮވެލަންވާނެ އެވެ.

ގަނޑުފެން

ކުޑަކޮށް ތަޅާލާފައި ހުރި ގަނޑުފެން، މަދިރި ހެފި ތަންތަނުގައި ޖެއްސުމަކީވެސް ރަނގަޅު ކަމެކެވެ. ކަމުގެ މާހިރުން ބުނާގޮތުގައި ފިނި ވުމުގެ ސަބަބުން، ބިހި ރަނގަަޅުވުމަށް މަގުފަހިވެ އެވެ. ތަަޅާފައި ހުރި ގަނޑުފެނުގެ ބަދަލުގައި އައިސް ޕެކް އެއްވެސް ބޭނުންކުރެވިދާނެ އެވެ.

މާމުއި

މިއީ ގިނަ ކަންކަމަށް އޮތް ގެވެށި ފަރުވާއެއް ކަމަށްވާއިރު މިކަމަށްވެސް މާމުއިން ފަރުވާ ލިބެ އެވެ. މަދިރި ހަފާ ތަނުގައި ކުޑަ މާމުއިފޮދެއް އުނގުޅާލުމުން ނަތީޖާ ފެންނާނެ އެވެ.

ލޮނުމެދު

ފިޔާގެ އިތުރުން ލޮނުމެދަކީވެސް މަދިރި ހެފި ތަންތަނުގެ އަސަރު ފިލުވާލުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެހެންނަމަވެސް، ސީދާ ހަންގަނޑުގައި ލޮނުމެދު ޖެއްސުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކާށި ކިރު ފޮދެއްގެ ތެރެއަށް ލޮނުމެދު ލައިފައި ބޭއްވުމަށްފަހު އެނަގައި ހަންގަނޑުގައި ޖެއްސާލާށެވެ.