ކޮންމެ މީހަކު ކުނިކޮތަޅުތައް މަގުމަތީގައި ބަހައްޓާނަމަ، "ޗާލު މާލެ ސިޓީ"އަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ހާސިލު ނުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ހުޅުމާލޭގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން "މަދިރި ހޯހޯ" އިފްތިތާހު ކޮށްދެއްވަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ "ޗާލު މާލެ ސިޓީ" އަމާޒު ހާސިލް ކުރެވޭނީ އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ހާއްސަކޮށް ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސާފުތާހިރުކޮށް މާލެ ސިޓީ ބޭއްވޭނީ އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލެ ތެރޭގެ އެކި ސަރަހައްދުތަކުގައި ކުނި ގިނަވާ މައްސަލައަށް އިޝާރާތް ކުރައްވަމުން މޭޔަރު ވިދާޅުވީ ކޮންމެ މީހަކުވެސް ކުނިކޮތަޅު މަގުމަތީގައި ބެހެއްޓުމުން ހާސިލް ކުރަން ބޭނުންވާ އަމާޒު ހާސިލް ނުވާނެ ކަމަށެވެ. އަދި ވެމްކޯގެ އަގު ބޮޑު ވީމައި ކުނިކޮތަޅު މަގުމަތީގައި ބެހެއްޓުމުންވެސް އެކަން ހާސިލް ނުވާނެ ކަމަށާއި މި މައްސަލަތައް ހައްލުވާނީ ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ ނަގައިގެން ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަދިރި ހޯހޯ ކެމްޕެއިން އިފްތިތާހުކޮށް ދެއްވައި ވާހަކަ ދައްކަވަނީ.

”ކޮންމެ މީހަކު ކުނިކޮތަޅު މަގުމަތީގައި ބެހެއްޓީމަ އެކަމުން ކަމެއް ހާސިލެއް ނުވޭ. ވެމްކޯގެ އަގު ބޮޑުވީމަ ކުނިތައް މަގުމައްޗަށް އުކާލީމަ މިކަން ހައްލެއް ނުވާނެ. މައްސަލަ ހައްލުވާނީ ކޮންމެ މީހަކުވެސް ޒިންމާ ނެގީމަ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ "ޗާލު މާލެ ސިޓީ" އަމާޒަށް ވާސިލް ވުމަކީ އެންމެން ގުޅިގެން ކޮންމެ ދުވަހަކު ޒިންމާ އަދާކޮށްގެން މެނުވީ ހާސިލް ނުވާވަރުގެ ބޮޑު ކަމެއް ކަމަށެވެ.

މޭޔަރުގެ އިލްތިމާސްއަކީ މާލެ ސިޓީއަކީ ބަލިތަކުން ރައްކާތެރި ވެފައިވާ ސާފުތާހިރު ސިޓީއަކަށް ހެދުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި، އެތަންތަނުގެ ވެރިންގެ އިތުރުން މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ފަރުދީ ޒިންމާ އަދާކުރުމާއި އެކު މުއައްސަސާ ތަކާއި ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވެގެންދިއުމެވެ.

ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން "މަދިރި ހޯހޯ" އަކީ އެޗްޕީއޭއިން ކުރިއަށް ގެންދާ ހަރަކާތެކެވެ.