އިންޑިއާ އައުޓް ހިންގާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުހައްމަދު އިސްމާއީލު ފުލުހުން ހައްޔަރުކުރީ ރޭ 12:00 ހާއިރު ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ހާޒިރުވުމުން ކަމަށެވެ. ފުލުހުން ބުނެފައި ވަނީ މުހައްމަދު އިސްމާއީލު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިދިޔަ ބުދަ ދުވަހު ވެސް މުހައްމަދު އިސްމާއިލް ހައްޔަރުކުރި އެވެ. ނަމަވެސް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާތީ ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ.

މުހައްމަދު އިސްމާއީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ފުލުހުން ބުނެފައިވަނީ، އާންމު މަސްލަހަތު ރައްކާތެރިކުރުމާއި، ރައްކާތެރިކަން އޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވާ ކަންކަން ދުރާލައި ދެނެގަނެ އެކަންކަން ހުއްޓުވުމަކީވެސް ފުލުހުންގެ ޒިންމާއެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

ފުލުހުން ބުނީ މުހައްމަދު އިސްމާއީލަކީ އިންޑިއާ އައުޓް ހަރަކާތް ރާވައި އިންތިޒާމުކޮށް، އެ ހަރަކާތަށް ބޭނުންކުރާ ބެނާތަކާއި ޓީޝާޓުތައް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށާއި، އޭނާގެ އެ އަމަލުގެ ސަބަބުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާމެދު ނަފުރަތު އުފެދި ދިވެހިރައްޔިތުންނަށް އެކަމުން ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

އަދި އެ އަމަލުގެ ސަބަބުން ރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި މަސްލަހަތަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ބައިނަލްއަޤުވާމީ މުއާހަދާތަކާ ހަވާލާދީ ރާއްޖޭގައި ހުންނަ ބޭރު އެމްބަސީތަކާއި ކައުންސެލްތަކާއި އެތަންތަނުގެ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، ބައިނަލްއަޤުވާމީ މުއާހަދާތަކާއި އދގެ ޤަރާރުތަކުން ނަސްލުގެ މައްޗަށް ބިނާކޮށް ފުރައްސާރަކުރުމާއި ތަފާތުކުރުމާއި ދަތިކުރުމަކީ މަނާކަންކަން ކަމުގައި ފުލުހުން ފާހަގަކުރިއެވެ.

ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ފުލުހުންނާއި ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވި އެވެ. މިގޮތުން "އިންޑިއާ އައުޓް" ހަރަކާތް ހިންގުމުގެ ހަރަކާތުގެ ތެރެއިން ވަކި މީހަކަށް އަނިޔާވެރިވުމަށް ގޮވާލާ، ނުވަތަ ވަކި މީހަކަށް މުހައްމަދު އިސްމާއިލް އަނިޔާވެރިވެފައި ވޭތޯ ސުވާލު ކުރި އެވެ.

ފުލުހުން ވަނީ އެފަދަ ކަމެއް ކޮށްފައިވާ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ބުނެފަ އެވެ.

މައްސަލައިގެ ގޮތެއް ނިންމަމުން މައްސަލަ ނިންމެވި ފަނޑިޔާރު ވިދާޅުވީ ޖިނައީ ތުހުތަމެއްގައި މީހަކު ބަންދުގައި ބަހައްޓަން ބޭނުންވާނެ ހެކީގެ އެންމެ ދަށް މިންގަނޑުންވެސް ހެކި މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ހުށަހެޅިފައި ނުވާކަމަށެވެ. އަދި ޤާނޫނުލް އުޤޫބާތުގެ ދަށުން ޖިނާއީ ކުށްތަކަކަށް ތުހުމަތުކޮށްފައިވާއިރު އޭގެއިން އެއްވެސް ކުށެއް މުހައްމަދު އިސްމާއިލް ކޮށްފައިވާކަމަށް ކޮންމެވެސް މިންވަރަކަށްވެސް ހެކި ހުރިކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމާއި އެކު "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެގެން މީހަކު ހައްޔަރުކޮށް މުއްދަތު ޖެހުމުގެ ފުރުސަތު ވަރަށް ހަނިވެގެން ދާނެ އެވެ.

އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވާފައިވެއެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ދަމާފައިވާއިރު، ފުލުހުން ވަނީ އެ ބެނާތައް ނަގައިފައެވެ.

އިދިކޮޅުން އަދިވެސް ބުނަނީ އެ ހަރަކާތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.