ޖެނީވާ (23 މެއި) - ޖެނީވާގައި ހުންނަ އދ.ގެ މައި އޮފީހުގެ ދަށުން ހިންގާ ރަޝިއާ މިޝަންގައި މަސައްކަތް ކުރައްވަމުން އައި އެ ގައުމުގެ ސަފީރަކު އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބޮރިސް ބޮންޑަރެވް އޭނާގެ އިސްތިއުފާގެ ސިޓީ ރަޝިއާގެ މިޝަންއަށް ހުށައަޅާފައިވާއިރު އެ ސިޓީގައިވާ ކަންކަން މިވަނީ މީޑިއާއަށް ހާމަވެފަ އެވެ.
އެގޮތުން ބޮރިސް ވަނީ ޔޫކްރެއިންއަށް ރަޝިއާއިން އަރައި ހިންގާ ޖަރީމާތައް ކުށްވެރިކޮށް އޭނާގެ ގައުމު ދެކެ ލަދުގަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ މުޅި ސިޔާސީ ހަޔާތުގައި ވެސް އަމިއްލަ ގައުމުދެކެ މިހާ ވަަރަށް ލަދުގަތް ދުވަހެއް ނާދޭ،" ބޮރިސް ވިދާޅުވެފައިވެ އެވެ.
ބޮރިސް އިސްތިއުފާ ދެއްވާފައި މިވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އދ.ގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
ރަޝިއާގެ ރައީސް ވްލަމިޑިރް ޕުޓިންގެ ޖަރީމާތަކަކީ ޔޫކްރެއިން ރައްޔިތުންގެ އިތުރުން ރަޝިއާއާއި މުޅި ދުނިޔޭގެ އާބާދީއާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށް ވެސް ބޮރިސް ތުހުމަތު ކުރައްވާފައިވެ އެވެ.
ސިޓީ ނިންމާލައްވަމުން ބޮރިސް ވަނީ މިވަގުތު ރަޝިއާއަށް ވާގިވެރިވާ އެއްވެސް ގައުމެއް ނެތް ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުގައި ރަޝިއާ އެކަހެރިވާން ޖެހުނީ ޚުދު ޕުޓިންގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. -- އަލް އަރަބިއްޔާ