ފެހި ކަން ގަދަ ނުވަތަ ފެހިކުލަ ގަދަ ފަތްޕިލާވެލީގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިން އަދި ތަފާތު މައުދަން ތައް އެކުލެވޭ ބާވަތްތަކެކެވެ. މަސް ފަދަ ޕްރޮޓީން ހިމެނޭ ބާވަތެއް ކެއުމުގައި ނުހިމަނާ ފަހަރަކު ފަތްޕިލާވެލީގެ ބާވަތެއް ބޭނުން ކުރުމުން ޕްރޮޓީންގެ ބައި ލިބޭނެ އެވެ.

ފަތުގެ ބާވަތްތަކުން ހަށިގަނޑަށް ލިއްބައިދޭ މައުދަންތަކުގެ ތެރޭގައި ދަނގަޑު، ކެލްސިއަމް، ޕޮޓޭސިއަމް، އަދި މެގްނީޒިއަމް ހިމެނެ އެވެ. ދަނގަޑަކީ ލޭގައި ހިމެނޭ ދަނގަޑުގެ ބައި "ހިމޮގްލޮބިން" އުފެދުމަށް ވަރަށް ބޭނުންތެރި މައުދަނެކެވެ. ކެލްސިއަމް އަކީ ކަށިވަރުގަދަ ކޮށްދޭ މާއްދާ އެކެވެ.

ފަތްޕިލާވެލީގެ ބާވަތްތަކުން ހަށިގަނޑަށް ލިއްބައިދޭ ވިޓަމިންތަކުގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ބީ، އަދި ވިޓަމިން ސީ ހިމެނެ އެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ހުރުމަށް ވިޓަމިންގެ ބާވަތްތަކަކީ ހަށިގަނޑަށް ވަރަށް ބޭނުންތެރި ހަތިޔާރެކެވެ.

މިފަދަ ކެއުން ތަކުގައި ފައިބާ ވެސް ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. ފައިބާއަކީ ބަނޑުހިކުން ފަދަ ހަޖަމުގެ މައްސަލަތައް ހައްލުކުރުމުގައި އެހީވެދޭ އައްޑަނަ އެކެވެ.

އެހެން ކަމުން ކެއުމުގައި ވީވަރަކުން ފަތުގެ ބާވަތްތައް ހިމެނުމަކީ އެދެވިގެން ވާ ކަމެކެވެ. އެއީ ބަލިތަކުން ދުރުކޮށްދީ އާއްމު ސިއްހަތު ރަނގަޅު ކޮށްދޭ ބާރަކަށް ވާނެ އެވެ.