މާލޭގެ މޭޔަރު ކަމަށް ހޮވޭ މީހާގެ ޒިންމާއަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްކޮށް ދިނުން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މާލޭގެ މޭޔަރު ކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ މާލޭގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ހޯދައި ދިނުމަށް އެންމެ އިސްކަންދީ މަސައްކަތް ކުރުން ކަމަށެވެ. އަދި ގުޅީފަޅާއި ފުށިދިއްގަރުފަޅަކީ މާލޭގެ ރައްޔިތުންނަށް ގޯތި އަދި ފްލެޓު ދޭން ހާއްސަ މަންޒިލަކަށް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގެވުމުގައި އިސްކޮށް ހުންނެވި ޑރ. މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަނީ 7،000 ހައުސިން ޔުނިޓް ތަރައްގީކުރުމާއި ސަރުކާރުގެ ކުންފުނިތަކުން ގާތްގަނޑަކަށް 5،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ތަރައްގީކުރަން ފެށި އެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖް ހެދުމާއި މާލެ ވަށައިގެން ރިންގް ރޯޑެއް ހެދުމުގައި ވެސް އިސްކޮށް ހުންނެވީ ވެސް ޑރ. މުއިއްޒެވެ.

ކުރީގެ ސަރުކާރުގައި އެންމެ ހިންގުންތެރި ވަޒީރުގެ ގޮތުގައި ފާހަގަކުރެވޭ ޑރ. މުއިއްޒަކީ މަސައްކަތަށް ފަރުވާ ބަހައްޓަވާ ގަޑިއަށް އެ މަޝްރޫއެއް ނިންމެވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ.

އަންނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ މުއިއްޒުގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރާއި ކުރިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެހެން ބައެއް ޕާޓީތަކުގައި ވެސް އުޅުއްވި އަލްހާން ފަހުމީ އެވެ. އަލްހާން ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

މޭޔަރުކަމަށް ހޮވޭ މީހެއްގެ ޒިންމާއަކީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުން ކަމަށް ޑރ. މުއިއްޒު މިހެން ވިދާޅުވިއިރު، އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 716 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގުޅިފަޅާއި ފުށިދިއްގަރުފަޅު ހިއްކައިގެން މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޯތި ދޫކުރަން ޕްލޭނެއް އިއުލާންކުރެއްވި އެވެ.