ވޮޝިންޓަން (25 މެއި) - ހައްދު ފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ މެމްބަރަކު އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް އަވަހާރަ ކޮށްލަން ރާވައި އެކަމުގެ މަސައްކަތް ކޮށްފައިވާކަން އެމެރިކާގެ އެފްބީއައިއިން ހޯދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފޯބްސްގައި ޝާއިއު ކޮށްފައިވާ އެ ރިޕޯޓުގައި ބުނެފައިވަނީ އެ މީހާ ބުޝް އަވަހާރަ ކޮށްލަން ރޭވީ 2003 ވަނަ އަހަރު އެމެރިކާއިން އިރާގުގައި ހިންގި ހަނގުރާމައިގައި މަރުވި އިރާގަށް ނިސްބަތްވާ މީހުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ އެވެ.

ކޮލަމްބަސްގެ އޮހާއޯގައި ހުރި އެ މެމްބަރު ރޭވުން އެފްބީއައި އިން ހޯދާފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި އަންޑާ ކަވާ އެފްބީއައި އެޖެންޓުންތަކެއް ވަނީ މި މީހާގެ ހަރަކާތްތައް ބަލައި އެކަމާ ގުޅޭ ފޯނެއް ތަހުގީގަށް ހުށައަޅާފަ އެވެ.

މިދިޔަ ނޮވެމްބަރު މަހު މި ރޭވުން ރޭވި ކަމަށް ބެލެވޭ މީހާ ޓެކްސަސްއަށް ގޮސް ބުޝް ދިރިއުޅުއްވާ ގެކޮޅުގެ ސަރަހައްދުގެ ވީޑިއޯ ރެކޯޑިންއެއް ނަގާފައިވާކަން ވެސް ތަހުގީގަށް ވަނީ ހާމަވެފަ އެވެ.

އެއާއެކު އޭނާގެ ރޭވުމުގައި ބައިވެރިވާނެ ހައްދު ފަހަނައަޅާފައިވާ ފިކުރުގެ އިތުރު މީހުން ހޯދުމަށް ވެސް އޭނާ މަސައްކަތް ކުރަމުން ދިޔަކަން އެނގިފައިވެ އެވެ.

މިކަމާ ގުޅިގެން ބުޝްގެ ރަސްމީ އޮފީހުގެ ޗީފް އޮފް ސްޓާފް ވިދާޅުވީ އެމެރިކާގެ ސަލާމަތީ ބާރުތަކާއި ގާނޫނުތަކަށް ބުޝް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ.

ބުޝްގެ އިތުރުން އެމެރިކާގެ ހިމާޔަތުގައި ދިރިއުޅޭ ކަމަށް ބުނާ އިރާގުގެ ކުރީގެ މިނިސްޓަރެއް ވެސް އަވަހާރަކޮށްލަން އެމީހާގެ ރޭވުމުގައިވާ ކަމަށްވެ އެވެ.

ބުޝް އަވަހާރަކޮށްލަން ރާވަމުން ދިޔަ މީހާ 2003 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އެކި ގޮތްގޮތުން އިރާގުގައި އުޅޭ އެމެރިކާ މީހުން މަރާފައިވާނެ ކަމަށް އެއްބަސް ވެފައިވާ ކަމަށް ފޯބްސްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ