ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގައި ހިމެނޭ އިލަން މަސްކާއި ބިލް ގޭޓްސްގެ މެދުގައި އޮތް ދެކޮޅުވެރިކަން އިތުރަށް ހޫނުވެ ދެފަރާތުގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފި އެވެ.

އެގޮތުން އިލަން ވަނީ އޭނާގެ މަސައްކަތް ހުއްޓުވަން ބިލް ގޭޓްސް ފަންޑުކުރި ކަމަށް ބުނެ ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރެއްގެ ލިންކް ޓްވިޓާގައި ހިއްސާކޮށް އެކަމަށް ނުރުހުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ވެސް އެލަން ވަނީ އެކިފަހަރު މަތިން ސޯޝަލް މީޑިއާގައި ބިލް ގޭޓްްސްއަށް ފުރައްސާރަ ކޮށްފަ އެވެ. އެގޮތުން ބިލް ގޭޓްސްގެ ސޫރަ މާބަނޑު އަންހެނަކާ ވައްތަރު ކަމަށް ސިފަވާ ގޮތަށް ވެސް އިލަން ވަނީ ޕޯސްޓެއް ކޮށްްފަ އެވެ.

މިފަހުން އެލަން މަސްކް ޓްވިޓާ ގަނެފައިވާއިރު ބިލް ގޭޓްސް ވަނީ ފެށުނީއްސުރެ އެކަމަށް ފާޑުކިޔާފަ އެވެ. އެލަން މަސްކް ޓްވިޓާގެ ވެރިއަކަށް ވެއްޖެ ނަމަ ޓްވިޓާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

"އޭނާގެ ސަބަބުން މިކަން (ޓްވިޓާގެ މައްސަލަތައް) ވާނީ އިތުރަށް ގޯސް" ބިލް ގޭޓްސް ބުނެފައިވެ އެވެ.

ހަމައެއާއެކު އޭނާއާ ބެހޭ ގޮތުން އެލަން ކުރަމުން އަންނަ ނާތަހުޒީބު ޓްވީޓްތައް ޒާތީ ގޮތުން ނުނަގާ ކަމަށް ވެސް ބިލް ވަނީ ބުނެފަ އެވެ.

އޭގެ ބަދަލުގައި އެލަން ވަނީ އޭނާގެ ކުންފުނި ޓެސްލާގެ ހިއްސާގެ އަގު ދަށް ކުރުމަށް އެންމެ މަތިން އަގު ހުށައަޅާ ފަރާތަކީ ބިލް ކަމަށް ބުނެފަ އެވެ. މިކަމަށް ބިލް ރައްދެއް ދީފައެއް ނުވެ އެވެ.

އިލަން މަސްކާއި ބިލް ގޭޓްސްއަކީ ޒަމާންވީ ދެ ހަތުރުންނަށް ވީއިރު އެދެމީހުންގެ ދެކޮޅުވެރިކަން މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.