ރިސޯޓް ކުލި ކުޑަނުކުރަން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ މިހާރުގެ ފިސްކަލް ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލުކުރުމަށް ނުފެންނަކަމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެއީ ދައުލަތަށް ލިބޭ އަމްދަނީއެއް ދޫކޮށްލާފަދަ އެއްވެސް ފިޔަވަޅެއް އެޅެން ނެތުމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ދައުލަތަށް އެންމެ ގިނަ އާމްދަނީ ލިބޭ ސިނާއަތަކީ ފަތުރުވެރިކަމެވެ. އެންމެ ބޮޑަށް ކުރިއަރަމުންދަނީވެސް ފަތުރުވެރިކަމެވެ. އެސިނާއަތާ އެއްވަރަށް ކުރިއަރާފަދަ އެހެން ސިނާއަތެއް މިވަގުތު ރާއްޖޭގައި ނެތެވެ.

ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ފިކްސްޑް އަމްދަނީ ލިބޭނެގޮތަށް ހަމަ އަގުގައި ކުލި ނެގުން މުހިންމު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ވަސީލަތްތައް މަދު ޤައުމުތަކުން ލިބޭ އަމްދަނީ މެކްސިމައިޒް ކުރުން މުހިންމު ކަމަށެވެ.

"ދުނިޔޭގެ އިޤްތިޞާދީ ހާލަތު މެދު ރާސްތާއަށް ތަސައްވަރު ކުރެވޭ ގޮތުންނާއި، މެދުރާސްތާގައިވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2019 ވަނަ އަހަރު ހުރި މިންވަރަށް ދަށްވާނެ ކަމަށް އަންދާޒާ ނުކުރެވޭތީ، މެދުރާސްތާގައި ހުރި ފިސްކަލް ހިރާސްތައް ނުހަނު ބޮޑު،" އެ ބަޔާނުގައިވެއެވެ.

އެ މިނިސްޓްރީން ބުނީ ރިސޯޓްތަކުގެ ކުލީގެ 40 ޕަސެންޓަކީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގައި ހިމެނޭ އެއްޗެއް ކަމަށެވެ. ރިސޯޓްތަކުހެ ކުލީގެ ރޭޓްތަކަށް ގެންނަ ބަދަލުތަކަކީ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ މިންވަރު ދަށްވާނެ ކަމެއް ކަމަށާއި މިކަމުން ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ހުރަސް އެޅިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ލިބޭ އަމްދަނީއަކީ އަހަރުން އަހަރަށް އިތުރުވާ، ދައުލަތަށް މުހިންމު އާމްދަނީއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތަށް ރިސޯޓްތަކުން ނަގާ ކުލި ކުޑަކޮށްފިނަމަ ދައުލަތަށް ލިބޭ އަމްދަނީ ކުޑަވެ، ސިނާއަތަށް ލިބެމުންދާ ކުރިއެރުމުގެ ފައިދާ ދައުލަތަށް ކުރާ މިންވަރު ކުޑަވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.