ރޭގަނޑު ނުނިދާ އުޅުމަކީ އިންސާނާގެ އުމުރު ކުރުވުމަށް މެދުވެރިވާ ކަމެއް ކަމުގައި ސައިންސްވެރިން މިފަހުން ހެދި ދިރާސާ އަކުން ދައްކައިފި އެވެ.
ފްރާންސްގެ ޕެރިހުގައި ކުރިއަށް ގެންގޮސްފައިވާ މި ދިރާސާގެ ނަތީޖާގައި ދައްކާ ގޮތުގައި އަވަހަށް ނިދުމަށްފަހު އަވަހަށް ހޭލާ މީހުންނަށްވުރެ ލަހުން ނިދާފައި ލަހުން ހޭލާ މީހުންގެ އުމުރު ކުރުވުމުގެ ފުރުސަތު ބޮޑެވެ.
ހަތަރު ލައްކައަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގެ ހަ އަހަރުގެ ދުވަހުގެ މުއްދަތަކަށް މި ދިރާސާ ކުރިއަށްގެންދިޔަ އިރު ރޭގަނޑު ނުނިދާ މީހުންގެ އުމުރު ކުރުވުމެ ފުރުސަތު 10 ޕަސެންޓް އިތުރުކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
މި ދިރާސާ ކުރިއަށްގެންދިއުމުގައި ބައިވެރިވި ސައިންސްވެރިއަކު ބުނެފައިވަނީ ސިއްހަތާ ގުޅުންހުރި މިފަދަ ބޮޑު ހޯދުމެއް ހޯދުމުން މިކަމާ އަޅާނުލާ ދޫކޮށްލަން ނުވާނެ ކަމަށެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އުމުރުން 38 އަހަރާއި 73 އަހަރާއި ދެމެދުގެ މީހުން ބައިވެރި ކޮށްގެންނެވެ. ދިރާސާގައިވާ ގޮތުން ހޭލާ އުޅޭ މީހުންނަށް ސިކުނޑީގެ މައްސަލަތަކާއި ހަކުރު ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ ބަނޑަށް ތަދުވުމާއި ނޭވާ ލުމުގެ އުނދަގޫ ކުރިމަތިވާ ކަމަށެވެ.
އެއާއެކު ރޭގަނޑު ހޭލާ ހުރެ މަސައްކަތް ކުރުން ރަނގަޅު ނޫން ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އަވަހަށް ނިދުމަށްފަހު ހޭލައި ދުވަސް ފެށުން ކަމަށް ވެސް ދިރާސާއިން ބުނެ އެވެ.