ޓެކްސަސް (28 މެއި) - މިދިޔަ އަންގާރަ ދުވަހު މުޅި ދުނިޔެއަށް ސިހުން ގެނުވީ އެމެރިކާގެ ޓެކްސަސްގައިވާ އުލްވޭޑް ނަމަކަށް ކިޔާ ކުޑަ އަވަށެއްގެ ސްކޫލެއްގައި ބަޑިޖަހާ 19 ދަރިވަރުންނާއި ދެ ޓީޗަރަކު މަރާލި ހަަބަރުންނެވެ.

އުމުރުން 18 އަހަރުގެ ޒުވާނަކު ސްކޫލަށް ވަދެ އެ ޖަރީމާ ހިންގިއިރު ދަރިވަރުން ގުނަމުން ދިޔައީ ހޫނު މޫސުމުގެ ޗުއްޓީއަށް ދިއުމުގެ ކުރން ސްކޫލަށް ދާންޖެހޭ އެންމެ ފަހުގެ ދުވަސްތަކެވެ.

ނަމަވެސް ޗުއްޓީގެ ރޭވުންތައް ރޭވުމުގެ ބަދަލުގައި އެ ސްކޫލުގެ ދަރިވަރުން ވަނީ ބޮޑު ސިހުމަކަށް ގޮސްފަ އެވެ. ހަމަލާއިން ސަލާމަތްވި ނަމަވެސް ގިނަ ކުދިންތަކަކަށް އެކަމުގެ ނަފްސާނީ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް މައިންބަފައިން ބުނެ އެވެ.

އުމުރުން 11 އަހަރުގެ މިއާއަކީ މި ހަމަލާގައި ސަލާމަތްވި ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އޭނާގެ ރައްޓެހިންނާއި ޓީޗަރުން ލޯ ކުރިމަތީގައި ވަކިވެ ދިޔަ މަންޒަރު ދުށް ދަރިވަރެކެވެ. މިއާ ވަނީ އޭނާގެ އެ ހިތި ތަޖުރިބާ ސީއެންއެންއާ ހިއްސާ ކޮށްފަ އެވެ.

މިއާ ބުނިގޮތުގައި ހާދިސާ ހިނގި ދުވަހު ސްކޫލްގެ ކިޔެވުން ނިމިފައިވާތީ އޭނާއާއި އޭނާގެ ރައްޓެހިން ތިބީ ކާޓޫނެއް ބަލާށެވެ. ދެ ޓީޗަރުން ތިބި އެ ކްލާސްރޫމަށް ސިހުން ގެނުވީ ހަތިޔާރާއެކު ސްކޫލަށް މީހަކު ވަދެ އުޅޭކަން ޓީޗަރުންނަށް އެނގުނު ހިސާބުންނެވެ.

ވަގުތުން އެއް ޓީޗަރަކު ކްލާހުގެ ދޮރު ތަޅުލި އެވެ. އެހެން ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. ހަތިޔާރާއެކު ސެލްވާޑޯ ރާމޮސް ހުރީ ކުލާހުން ބޭރުގަ އެވެ. އެވަގުތު ބިއްލޫރި ކުޑަ ދޮރެއް ހުރި އެ ކްލާސްރޫމުގެ ކުޑަ ދޮރަށް އަމާޒުކޮށް ރާމޮސް އޭނާގެ ފުރަތަމަ ވަޒަން ފޮނުވާލި އެވެ.

އެ ހިސާބުން ދަރިވަރުންގެ ދިފާއުގައި ކުރިއަށް ނުކުތީ ޓީޗަރެކެވެ. އެ ޓީޗަރާ ދިމާއަށް "ގުޑް ނައިޓް" އޭ ބުނުމަށްފަހު މަރާލި ކަމަށް މިއާ ބުންޏެވެ.

މިއާ ބުނިގޮތުގައި އެހުރިހާ ކަމެއް ހިނގީ މަދު ސިކުންތު ކޮޅެއްގެ ތެރޭގަ އެވެ. ރާމޮސް އޭނާގެ ބަޑިން ބަޑި ޖަހަމުން ދިޔައިރު ވަޒަންތައް ދިޔައީ އޭނާއާ ވަރަށް ކައިރިން ކަަމަށް މިއާ ބުންޏެވެ. ވަޒަނެއްގެ ކައިރި އަރައި މިއާގެ ކޮނޑު ކަށިގަނޑަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބި ފަރުވާ ވެސް ހޯދާފައިވެ އެވެ.

މިއާމެންގެ ކްލާހަށް ހަމަލާ ދިނުމަށްފަހު ރާމޮސް ދެން ދިޔައީ އެ ކްލާހާ އިންވެގެން ހުރި ކްލާހަށެވެ. އެ ކްލާހުން ވެސް ހަޅޭކުގެ އަޑާއި އެހީއަށް އެދި ގޮވާ އަޑު އިވުނު ކަމަށް މިއާ ބުންޏެވެ. ބަޑީގެ އަޑު މަޑުވުމުން ދެން އިވެން ފެށީ ބާރު މިއުޒިކްގެ އަޑު ކަަމަށް މިއާ ބުންޏެވެ.

"ދެން އޭނާ ފެށީ ލަވަ ޖަހަން. ހިތާމަވެރި ލަވަތައް ވަރަށް ބާރަށް ޖެހި" މިއާ ބުންޏެވެ.

މަރުވެފައިވާ ޓީޗަރެއްގެ ފޯނު ނަގައި 911 އަށް މިއާ ގުޅީ އެހިސާބުންނެވެ. ފުލުހަށް ގުޅައި ވަގުތުން އައިސް ދިނުމަށް އޭނާ އެދުނެވެ.

މިއާގެ ކްލާހަށް ރާމޮސް އަލުން އަތުވެދާނެތީ އޭނާއާއި ސަލާމަތްވި އެހެން ކުދިންތަކެއް ވަނީ މަރުވި ކުދިންގެ ލޭ އަމިއްލަ ހަށިގަނޑުގައި އުނގުޅައި މަރުވެފައިވާ ކަމަށް ދައްކާފަ އެވެ. އޭރުވެސް ފުލުހުން ނާންނަ ކަމަށް މިއާ ބުންޏެވެ. އެގޮތަށް ހަށިގަނޑުގައި ލޭ އުނގުޅައިގެން ތިން ގަޑިއިރެއް ހާއިރު މިއާއަށް އޮންނަން ޖެހުނެވެ.

"ފަހުން އިވުނު ފުލުހުން ބޭރުގައި އުޅޭ އަޑު. އަވަހަށް ނައީ ކީއްވެބާއޭ ހިތަށް އަރާ" އިންޓަވިއުގެ މިހާހިސާބުން މިއާއަށް ރޮވުނު ކަމަށް ސީއެންއެެންގެ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިއާގެ މަންމަ ބުނިގޮތުގައި އެ ހާދިސާއަށްފަހު އޭނާގެ ދަރިފުޅަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ކިތަންމެ ކުޑަ އަޑަކުން ވެސް ސިއްސައިގެންދާ ކަމަށް މިއާގެ މަންމަ ބުންޏެވެ.

އިންޓަވިއު ދިން އިރުވެސް މިއާ އިނީ ފޮތިގަނޑަކުން ހަށިގަނޑު ފޮރުވައިގެން ކަމަށާއި ކެމެރާ ކުރިމަތީގައި ނުވަތަ ފިރިހެން ނޫސްވެރިއަކަށް ވެސް އިންޓަވިއު ދޭން މިއާ ބިރުގަތް ކަމަށް އެރިޕޯޓުގައިވެ އެވެ.

ހަމަލާ ދިން ސަލްވާޑޯ ރާމޮސް ފުލުހުންގެ ކުރިމަތިލުމެއްގައި މަރުވެފައިވާއިރު ދަރިފުޅަށް ބަދުބަސް ނުބުނުމަށް ރާމޮސްގެ މަންމަ ވަނީ އެދިފަ އެވެ. ހަމަލާ ދިނުުމުގެ ކުރިން އޭނާގެ މާމައަށް ބަޑިން ހަމަލާ ދީފައިވާ ކަމަށާއި ސްކޫލަކަށް ހަމަލާ ދޭން އުޅޭ ކަަމަށް ބުނެ ސޯޝަލް މީޑިއާގައި ރާމޮސް ވަނީ ޕޯސްޓެއް ކޮށްފަ އެވެ. -- ސީއެންއެން