ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވައިގެން ތަރައްޤީގެ ކަންކަން ނިންމެވުމުގެ ގޮތުން ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ކައުންސިލުތަކާއެކު މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުންތަކުގެ އަލީގައި ކައުންސިލްތަކަށް ބޭނުންވާ ކަންކަން ދެނެގަނެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި 77 ކައުންސިލަރަކާއި ބައްދަލުކުރެއްވިކަމަށެވެ. އަދި އެބޭފުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ކައުންސިލްތަކަށް ބަޖެޓު ނެތުމާއި، ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމަށް ހުރި ގޮންޖެހުންތަކާއި، އިގްތިސާދީ މަންފާތައް ހޯދުމަށް އެޅިފައިވާ ހުރަސްތަކުގެ ޝަކުވާތައް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ގޮންޖެހުންތަކަށް ހައްލުހޯއްދެވުމަށް މަސައްކަތްކުރައްވާއިރު އޭގެ ތެރޭގައި ސަރުކާރުން އިސްލާހު ކުރަންޖެހޭ ކަންކަމާއި ކައުންސިލުތަކުން އިސްލާހު ކުރަންޖެހޭ ކަންކަން ހިމެނޭނެކަން ފާހަގަކުރެއްވި އެވެ. އަދި ވިއަވަތި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ސަރުކާރާ ކައުންސިލުތައް އެއްމޭޒުވެ މިކަންކަމަށް ހައްލު ހޯދޭނެގޮތެއް ހޯއްދެވުންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް މާލީ ބާރުވެރިކަންދިނުމާއި ކައުންސިލްތަކުގެ އިޚްތިސާސް ކަނޑައެޅުމާއި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރެވޭ މަގާމުތަކަށް ބަދަލުކުރުން ފަދަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންނެވި ބައެއް ބަދަލުތައް ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ، ފެންވަރު ރަނގަޅު ތަޢުލީމާއި ޓާޝަރީ ފެންވަރުގެ ސިއްހީ ފަރުވާއާއި ރާއްޖެ ޓްރާންސްޕޯޓް ލިންކުން ގުޅައިލުންފަދަ މި ސަރުކާރުގެ ތަރައްގީގެ އެންމެހާ ކަންކަމާއި ސިޔާސަތުތައް ގުޅެނީ ލާމަރުކަޒީ ނިޒާމާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.