ބޮލީވުޑްގެ ރަން ޒަމާނުގައި މުނިފޫހިފިލުވުމުގެ ދާއިރާގައި ރަސްކަން ކުރި ސުޕަސްޓާރުމީތާބް ބައްޗަންގެ މަގުބޫލުކަމާއި ތަރިއެއްގެ ގޮތުގައި އޭނާއަށް އޮތް ތަރުހީބު ހާމަ ކޮށްދޭ ހާދިސާއެއްގެ ހަނދާން އާކުރާ ރިޝީ ކަޕޫރުގެ އިންޓަވިއުއެއް އަލުން ތިލަވެއްޖެ އެވެ.

1982 ވަނަ އަހަރު "ކޫލީ" ފިލްމުގެ ޝޫޓިންގެ ތެރޭގައި އަމީތާބް ބައްޗަންއަށް ދިމާވި ނުރައްކާތެރި އެކްސިޑެންޓަށްފަހު، ހޮސްޕިޓަލުގައި ފަރުވާ ހޯދައި ރަނގަޅު ވެގެން އެނބުރި ސެޓަށް އައި ދުވަސްވަރުގެ ހަނދާންތައް ހިއްސާ ކުރަމުން ރިޝީ ބުނެފައިވަނީ، އަމީތާބް ދެކިލުމަށްޓަކައި އެއްލައްކައެއްހާ ސަޕޯޓަރުން ސެޓު ކައިރިއަށް އެއްވި ކަމަށެވެ. މިއީ ސިނަމާގެ ތާރީހުގައިވެސް އެކްޓަރަކަށް އެހާ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް އޭނާ ފާހަގަކުރި އެވެ.

ރިޝީ ބުނި ގޮތުގައި އެ ދުވަސްވަރު މުމްބާއީގައި ފިލްމުގެ ކްލައިމެކްސް މަންޒަރުތައް ޝޫޓް ކުރަމުން ދިޔައިރު، އެކްޓަރުން ތިބީ ވަކިވަކި ޓެންޓު ތަކުގަ އެވެ.

އަމީތާބް އެނބުރި ސެޓަށް އައި ދުވަހު އޭނާ ދެކިލުމަށް އެއްވި ގިނަ އަދަދެއްގެ މީހުންގެ ސަބަބުން، ސެޓުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ތިބި ފުލުހުންނަށް ކަންކަން ކޮންޓްރޯލުން ނައްޓައިގެން ދިޔަކަން އޭނާ ހާމަކުރި އެވެ.

ފުލުހުންނަށް އެ ބޮޑު އެއްވުން ކޮންޓްރޯލް ނުކުރެވުމުން، އެންމެ ފަހުން ފިލްމުގެ ޕްރޮޑިއުސަރުންނަށް ޖެހުނީ އެ ސަރަހައްދުގެ "ލޯކަލް ދާދާއިން" ނުވަތަ ގޭންގުތަކުގެ އެހީތެރިކަން ހޯދައިގެން މީހުން ކޮންޓްރޯލް ކުރަން ކަމަށް ރިޝީ ބުންޏެވެ. އޭނާ ސިފަކުރި ގޮތުގައި އަމީތާބަށް އޭރު އޮތީ އާދައިގެ ތަރުހީބެއް ނޫނެވެ. އެއީ "މޮޔަވާފަދަ" ބޮޑު ތަރުހީބެކެވެ.

މީގެ އިތުރުން، އޭނާގެ އަމިއްލަ ހަޔާތުގެ ވާހަކަ ބަޔާން ކޮށްފައިވާ "ކުއްލަމް ކުއްލާ" ފޮތުގައި ރިޝީ ވަނީ އަމީތާބާއެކު މަސައްކަތް ކުރިއިރު އެ ދެމީހުންގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ތަފްސީލުތައް ވެސް ހިއްސާ ކޮށްފަ އެވެ.

އެ ދުވަސްވަރު އެކްޝަން ފިލްމުތަކަށް ބޮޑު ތަރުހީބެއް އޮތުމުން، ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އެންމެ މުހިންމު އަދި ވަރުގަދަ ރޯލުތައް އަބަދުވެސް ހާއްސަ ކުރަނީ އަމީތާބަށް ކަމަށް އޭނާ ބުންޏެވެ.

އަމީތާބް ބައްޗަންއާއި ރީޝީ ކަޕޫރު ވަނީ "އަމަރު އަކްބަރު އެންތަނީ"، "ނަސީބު"، އަދި "ކޫލީ" ފަދަ ބޮލީވުޑްގެ ތާރީހީ ގިނަ ފިލްމުތަކެއްގައި އެކުގައި މަސައްކަތްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފަ އެވެ.

"ކޫލީ"ގެ ސެޓުގައި އެކްޝަން މަންޒަރެއް ޝޫޓު ކުރުމުގެ ތެރެއިން ޕުނީތު އިއްސާރު އަމީތާބުގެ ބަނޑުގައި ނުބައި ގޮތަކަށް ޖެހުމުގެ ސަބަބުން އޭނާއަށް ބޮޑެތި އަނިޔާތަކެއްވެ 11 ދުވަސް ވަންދެން ކޮމާގައި އޮތެވެ. އެ ތަޖުރިބާ ހިއްސާ ކުރަމުން އަމީތާބު ބުނީ އެއީ މަރުގެ އެތި ފަހަރެއް ކަމަށެވެ.

އެ ހާދިސާއަށްފަހު ބޮލީވުޑްއާއި އާއްމުންގެ ނުރުހުމާއި ފިއްތުންތައް ޕުނީތުއަށް ކުރިމަތިވެ ބޮލީވުޑުން އޭނާ ބޮއިކޮޓް ވެސް ކުރި އެވެ. އެހެން ނަމަވެސް ފަހުން އަމީތާބު ވަނީ ޕުނީތުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.