މިދިޔަ އަންގާރަ ދުވަހު ޓެކްސަސްގެ ސްކޫލެއްގައި ދން ބަޑީގެ ހަމަލާތަކުގައި މަރުވި އެކަކީ އެ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ އުމުރުން 46 އަހަރުގެ އިރްމާ ގާސިއާ އެވެ.

އިރްމާގެ ވަކިވެ ދިއުން ވީ އޭނާގެ ފިރިމީހާއަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ. 24 އަހަރު އެކުގައި އުޅުނު ބައިވެރިޔާ ވަކިވުމުގެ ހިތާމައިގައި ހާޓް އެޓޭކެއް ޖެހި ޖޯ ގާސިއާ ވެސް ވަނީ ބުރާސްފަތި ދުވަހު މަރުވެފަ އެވެ.

އެއާއެކު އެ ދެމަފިރިންގެ ތިބި ހަތަރު ކުދިން ޔަތީމުވީ އެވެ. އެންމެ ހަގު ދަރިފުޅުގެ އުމުރުން 12 އަހަރު ވެފައިވާއިރު އެ އާއިލާއަށް ވަނީ ފޫނުބެއްދޭ ވަރުގެ ހިތާމައެއް ކުރިމަތިވެފަ އެވެ.

ޖޯ މަރުވުމުގެ ކުރިން އޭނާ ވަނީ ކުދިންނާއެކު އިރްމާގެ ހަނދާނުގައި އޭނާ މަސައްކަތްކުރި ސްކޫލުގައި އޮތް މެމޯރިއަލް އަކަށް ވެސް ގޮސްފަ އެވެ. ހާޓް އެޓޭކެއް ޖެހިގެން ހޫސްޕިޓަލަށް ގެންދެވުނީ އޭގެ ފަހުންނެވެ.

ޖޯގެ ގާތް ރަހުމަތްތެރިއަކު ޓްވިޓާގައި ބުނެފައިވަނީ އޭނާ މަރުވީ އިރްމާ ވަކިވުރުގެ ހިިތާމައިގައި ހިތް ހަލާކު ވެގެން ކަަމަށާއި މިއީ އެ އާއިލާއަށް ކުރިމަތިވެފައިވާ ވަރަށް އުނދަގޫ ހާލަތެއް ކަމަށެވެ.

މި އާއިލާއަށް އެހީ ވުމަށްޓަކައި ގޯފަންޑްމީ ކިޔާ ޖަމާއަތަކުން ހިންގާ ކެމްޕެއިނެއްގައި މިހާތަނަށް ދެ މިލިައަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެއްކުރެވިފައިވެ އެވެ.