މާލޭގައި 44 ގޭންގެއް ހަރަކާތްތެރިވާއިރު އޭގެ ތެރެއިން ނުވަ ގޭންގެއް ނުރައްކާތެރި ކުށްތަކަށް އަރައިގަންނަމުންދާ ކަމަށާއި މިހާރު އޮތް އެންމެ ބޮޑު ބިރަކީ އެ ގޭންގުތައް އަތޮޅުތަކަށް ފުޅާވެގެންދާތީ ކަމަށް ފުލުހުން ބުނެފި އެވެ.

މެދުރާއްޖެ ތެރޭގެ ކައުންސިލްތަކަށް ހާއްސަކޮށްގެން އއ. އުކުޅަހުގައި ކުރިއަށް ގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ދެއްކި ޕްރެޒެންޓޭޝަންގައި ބުނެފައިވަނީ މާލޭގައި 44 ގޭންގެއް ހަރަކާތްތެރިވަމުން އަންނައިރު އެގޭންގުތަކުގައި 2،600 މީހުން އުޅެމުންދާކަން ފާހަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ނުވަ ގޭންގެއް ނުރައްކާތެރި ކުށްތަކަށް އަރައިގަންނަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މާލެ އާއި ދެކުނުގެ އަތޮޅުތަކުގައި ގިނަ ގޭންގުތަކެއް ހަރަކާތްތެރިވާއިރު އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ ވެސް މިގޭންގުތަކުން ކަމަށެވެ.

މެދުރާއްޖެ އަދި އުތުރުގައި ގޭންގުތައް ހަރަކާތްތެރިވާކަން ފާހަގައެއް ނުވެ އެވެ. އެކަމަކު, ކުދި ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކެއް ބައެއް އަތޮޅުތަކުން ފާހަގަވެފައިވާއިރު, އެއީ ކުރިއަށް އޮތް ތަނުގައި ބޮޑެތި ގޭންގުތަކަށް ވެދާނެ ގްރޫޕުތަކެއްކަން ކަމަށް ފުލުހުން ދެއްކި ޕްރެޒެންޓޭޝަންގައި ވަނީ ބުނެފަ އެވެ.

މެދުރާއްޖެ ތެރޭ ރަށްރަކުގައި ގޭންގުތައް ނެތް ނަމަވެސް, މި ސަރަހައްދުގެ ރަށްތަކަށް ނިސްބަތްވާ މީހުން ގޭންގުތަކުގެ އިސް ސަފުގައި އުޅެ އެވެ. ފުލުހުން އާންމުކުރި ގޮތުގައި މެދުރާއްޖެއަށް ނިސްބަތްވާ 197 މީހަކު ގޭންގުތަކުގައި އުޅޭއިރު, ހަ މީހަކު އިސް ސަފުގައި އުޅެ އެވެ. ތިން ކުޑަކުދިން ވެސް އުޅޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ގޭންގްތަކުން ކުރިން މާރާމާރީ ހިންގަމުން އަންނަ ގޮތާއި މިހާރު ހަރަކާތްތެރިވަމުން އަންނަ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތުވެފައިވާ ކަމަށެވެ. ކަނޑި އާއި ދަގަނޑާއި އެހެން ވެސް ތޫނު ހަތިޔާރު ފާޅުގައި ހިފައިގެން ނުކުމެ މާރާމާރީ ހިންގުމުގެ ބަދަލުގައި މި ފަހުން ފެންނަނީ ފުލުހުން ބުނިގޮތުގައި ވަޅި ފޮރުވައިގެން ނުކުމެ މީހުންނަށް ހަމަލާ ދިނުމެވެ.

މީގެކުރިން ގޭންގުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގައި މީހުން މެރުން ގިނަ ނަމަވެސް, މިހާރު އެކަން ކޮންމެވެސް ވަރަކަށް މަދުވެފައިވާކަން ފުލުހުން ފާހަގަކުރި އެވެ. ގޭންގުތަކުގެ ވެރިން, މައްސަލައެއް ޖެހުމުން ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް އިސްކަން ދޭ ކަމާއި އެއީ, އެމީހުންގެ ވިޔަފާރިތަކަށް ފުލުހުންގެ ފަރާތުން އައިސްދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ކަމަށް އަރީފް ވިދާޅުވި އެވެ.

ގޭންގުތަކުން އެންމެ ފުޅާ ގޮތެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާއިރު, ދައުލަތުގެ އެކިއެކި ގުނަންތަކުގެ ތެރެއަށް ނުފޫޒާއި ބާރު ފޯރުވުމަށް ސިޔާސީ މީހުންނާ ގުޅުންތައް ބާއްވަމުންދާކަން ވެސް އަރީފް ފާހަގަކުރެއްވި އެވެ. ގޭންގުތަކުން ސަރުކާރުގެ އެކިއެކި ސިޔާސަތުތައް އެމީހުންނަށް ފަހިވާ ގޮތަށް ބަދަލުކުރުމަށް ވެސް އެ ނުފޫޒުތައް ފޯރުވާކަން އޭނާ ހާމަކުރެއްވި އެވެ.

އޭގެ އިތުރުން, ޝަރުއީ ދާއިރާއަށް އަތްގަދަކުރުމަށް ގޭންގުތަކުން ކުރާ މަސައްކަތް ވެސް ފާހަގަކުރި އެވެ. އެގޮތުން, ވަކީލުންނަށް އާދަޔާހިލާފު ބޮޑެތި އަދަދުތަކުން ފައިސާ ދެމުންދާކަން ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި, މާލޭގައި ހަރަކާތްތެރިވާ ގިނަ ގޭންގުތަކުން ފުލުހުން ކުރިމަތީގައި ކުށް ކުރުމަށް ވެސް ޖެހިލުމެއް ނުވެ އެވެ. އެކަމަކު, ވަކި ގޭންގުތަކުގެ ޓެރެޓަރީގެ ގޮތުގައި ކަނޑައަޅައިގެން އުޅުނު ސަރަހައްދުތަކުގައި މިހާރު ސިފައިންނާއެކު ފުލުހުން ހަރަކާތްތެރިވަމުންދާތީ, އެ ތަންތަނުގައި ގޭންގުތައް ހަރަކާތްތެރިވާ މިންވަރު މަދުވެފައިވާކަން ފުލުހުން ފާހަގަކުރި އެވެ. ގޭންގުތަކާ ދެކޮޅަށް ފުލުހުން ގެންދަނީ ނޭޝަނަލް އެކްޝަން ޕްލޭނެއް ތަންފީޒުކުރަމުންނެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި, ގޭންގު މާރާމާރީތައް ވެސް މިހާރު ވަރަށް ބޮޑުތަން ވަނީ ދަށް ކުރެވިފަ އެވެ. ފުލުހުންގެ ޕްރެޒެންޓޭޝަންގައި އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ކުރިން ވަޅިހަރަމުން އައީ ތަނެއް ދޮރެއް ނުބަލައެވެ. ރުޅި އާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ހަމަނުޖެހުންތަކުގައި ޖުމްލަ 31 މީހަކު މަރާލާފައިވާ އިރު އޭގެ ތެރޭގައި "އޮޅިގެން" ވަޅި ހަރައި މަރާލި ހަ މީހުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ގޭންގުތަކަށް މީހުން ރެކްރޫޓްކުރުމަށް ކުރާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން ފުލުހުން ވިދާޅުވީ، މީސްމީޑިއާ ބޭނުންކޮށްގެން މީހުން ރެކްރޫޓްކުރުމުގެ މަސައްކަތާއި، މަގުތައްމަތީގައިވެސް މީހުން ރެކްރޫޓްކުރުމުގެ މަސައްކަތްކުރާކަމަށެވެ.