ރާއްޖޭގައި ތިބި އިންޑީއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނެގި މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލް ކޮށްފި އެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި މިދިޔަ މަހުގެ 19 ގައި ދެމި ބެނާ މިދިޔަ މަހު ނަގާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަން ޔާމީން ވަނީ ހައިކޯޓަށް ހުށަހަޅުއްވައިފަ އެވެ.

ހައިކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހޯމަ ދުވަހު ނިންމާލައިފަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލު ކޮށްފައި ވަނީ މާދަމާގެ މެންދުރުފަހަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފުލުހުންނާއި ދައުލަތަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ސުވާލުތައް ކުރައްވާފަ އެވެ. ނަމަވެސް ފުލުހުންނަކަސް ވެސް އަދި ދައުލަތަކަށް ވެސް އެ ސުވާލުތަކަށް ޖަވާބެއް ނުދެވުނެވެ.

މިމައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.