މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (އެމްއޯޕީއޭ) އާއި އެ ޖަމިއްޔާގެ ބައިވެރިން ގުޅިގެން ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކޮށް، ޕްލާސްޓިކަށް ސާކިއުލާ އިކޮނޮމީއެއް އުފެއްދުމުގެ މަގުސަދުގައި ހިންގާ ދެ މަޝްރޫއެއްގައި ރާއްޖޭގެ އިތުރު ރަށްތަކާއި ރިސޯޓުތައް ބައިވެރިކޮށް، އެ ދެ މަޝްރޫއު އިތުރަށް ފުޅާކޮށްފި އެވެ.

ޑިސެމްބަރު 10، 2020ގައި އިފްތިތާހުކުރި ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ލިމިޓެޑް (ކޮކާކޯލާގެ ބުއިންތައް ރާއްޖޭގައި ބަންދުކުރާ ފަރާތް)، ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް ('ލައިފް' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި) އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ('ތާޒާ' ބްރޭންޑުގެ މިނަރަލް ފެން އުފައްދާ ކުންފުނި)އާ އެކު ވަރުގަދަ ޕާޓްނަޝިޕެއްގެ ދަށުންނެވެ. މި ޕާޓްނަޝިޕް ގާއިމްކޮށްފައި ވަނީ، އެ ކުންފުނިތަކުގެ އަމިއްލަ އިސްނެގުމުގައި، 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެޓް އަލުން ބޭނުންކުރުމުގެ މަގްސަދުގަ އެވެ.

މި މަޝްރޫއު ފެށިގެން ދިޔައީ، މާލެ ސަރަހައްދުގައި ރެސްޓޯރަންޓްތަކާއި ކެފޭ ފަދަ ތަންތަން ހިމެނޭ ގޮތަށް 120 އަށް ވުރެ ގިނަ ރީޓެއިލް އައުޓްލެޓްތަކުން އުކާލާ ޕެޓް ފުޅި – 100 އިންސައްތަ ރީސައިކަލް ކުރެވޭ އަދި ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމުގެ ގާބިލުކަން ހުރި މި ފުޅިތައް – ކޮންމެ ދުވަހަކު އެއްކުރުމުގެ ތެރެއިންނެވެ. މާލެ އާއި ހުޅުމާލޭގެ 263 އަށް ވުރެ ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަން މި ހަރަކާތުގައި މިހާރު ބައިވެރިވެފައި ވާއިރު، އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓުގެ ނަމުގައި ފަށާފައިވާ ދެ ވަނަ މަޝްރޫއެއްގެ ދަށުން މި ހަރަކާތް ވަނީ އަތޮޅުތެރެއަށް ވެސް ފުޅާކޮށްފަ އެވެ. އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް ތިން ރަށެއްގައި މިހާރު ވެސް ހިންގަ އެވެ.

މޯޕާ އިން ދާދި ފަހުން ވަނީ ޕްލާސްޓިކް ކުނި ނައްތާލުމަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ތިން ވަނަ އިނީޝިއޭޓިވްއެއް އިއުލާނުކޮށްފަ އެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތައާރަފްކުރި ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ މަގްސަދަކީ ރާއްޖޭގައި ހިންގާ 150އަށް ވުރެ ގިނަ ރިސޯޓުން ހުސްކުރާ ޕެޓް ފުޅިތައް އެއްކޮށް، ރީސައިކަލްކޮށް، އާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހުސް ފުޅިތައް ކަނޑުތަކަށް ނޭޅޭނެކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ އިނީޝިއޭޓިވްތައް އިތުރަށް ފުޅާކުރުމެވެ.

އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ދަށުން ބޭނުންކުރާ ޕެޓް ފުޅި އެއްކުރުމުގެ މަސައްކަތް ކ.ހިންމަފުށީގައި މިދިޔަ އޭޕްރީލް މަހު ވަނީ ފަށާފަ އެވެ. އަދި މި މަޝްރޫއު ކުރިން ވެސް ކުރިއަށް ގެންދާ ދެ ރަށް ކަމަށްވާ ކ. ތުލުސްދޫ އަދި ދ. ކުޑަހުވަދޫގައި ޕެޓް ފުޅި އެއްކުރެވޭ ވަރު ވަނީ ވަރަށް ބޮޑުތަން އިތުރުކޮށްފަ އެވެ. އެގޮތުން، ކ. ތުލުސްދޫގައި މިހާތަނަށް 3420 ކިލޯ އަދި ދ. ކުޑަހުވަދޫގައި މިހާތަނަށް 3000 ކިލޯގެ ޕެޓް ފުޅި އެއްކުރެވިފައިވެ އެވެ.

ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގައި މިހާރު ފަސް ރިސޯޓު އޮޕަރޭޓަރުން ހިމެނެ އެވެ. އެއީ އަދާރަން ރިސޯޓްސް މޯލްޑިވްސް، މޫވެންޕިކް ރިސޯޓް ކުރެދިވަރު މޯލްޑިވްސް، ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ، ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާ އަދި ކުރުނބާ މޯލްޑިވްސް އެވެ. މި މަޝްރޫއު އިފްތިތާހު ކުރިތާ އެންމެ ހަ މަސްދުވަހުގެ ތެރޭގައި މި ރިސޯޓުތަކުން 926 ކިލޯގެ ޕެޓް ވަނީ ނަގައިފަ އެވެ.

"އަޅުގަނޑުމެން 2021 ވަނަ އަހަރު ނިންމާލީ 1000 ކިލޯއާ ގާތްކުރާ އަދަދަކަށް ޕެޓް ފުޅި އެއްކުރުމުގެ ބޮޑު ކާމިޔާބީއަކާ އެކު. 2022 ވަނަ އަހަރު މި ވަނީ ވަރަށް ރަނގަޅު ފެށުމަކުން ފެށިފައި. އަޅުގަނޑުމެންގެ އޮޕަރޭޝަން މުޅި ރާއްޖޭގައި ފުޅާކޮށް، އިތުރުކުރުމަށް އަމާޒު ހިފާފައި ވާއިރު، މިކަން ކާމިޔާބު މި ކުރެވެނީ އަޅުގަނޑުމެންގެ ބައިވެރިންގެ އިހްލާސްތެރިކަމާއި ކޮމިޓްމަންޓުގެ ސަބަބުން. އަޅުގަނޑުމެންގެ ހުރިހާ ޕާޓްނަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މޯޕާގެ ފައުންޑާ އަދި ރައީސް ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އެއްކުރާ ޕެޓް ފުޅިތައް – މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ރީސައިކަލްކުރެވޭ ޕްލާސްޓިކްގެ ބާވަތް – ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން ރީސައިކަލްކޮށް، ބްރޭންޑުތަކުގެ ބޫޓާއި ފަތަން ދާއިރު ލާ ހެދުން އަދި އެހެނިހެން ހެދުން ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރެ އެވެ. ކަމާ ގުޅުންހުރި އެކި ފަރާތްތަކުން އެކައްޗެއް ކިޔައިގެން ހިންގޭ މި ހަރަކާތަކީ، ޕްލާސްޓިކްއާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދީ ވިސްނުމެއް އާލާކޮށް، ރައްޔިތުންގެ ދިރިއުޅުމާއި މުޖުތަމައު އަދި ދުނިޔެއަށް ބަދަލުތަކެއް ގެނެސްދިނުމަށް ގިނަ ކުންފުނިތަކާއި ރީޓެއިލަރުން އެއް ތަންވެ، އެއް ވިސްނުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭ މަޝްރޫއެކެވެ.

"މޯޕާއާ އެކު އަޅުގަނޑުމެން ދަމަހައްޓަމުން އަންނަ ވަރުގަދަ ޕާޓްނަޝިޕްގެ ނަތީޖާ އާއި ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެން އޮޕަރޭޓްކުރާ އަދި ހިދުމަތްކުރާ މުޖުތަމައުތަކަށް ކުރަމުން އަންނަ ހެޔޮ އަސަރުތައް އަޅުގަނޑުމެންނަށް ވަރަށް އުފަލާ އެކު ފާހަގަކުރެވޭ. ކޮކާކޯލާގެ ބޮޓްލިން ޕާޓްނަރެއްގެ ހައިސިއްޔަތުން ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލައަށް ހަރުދަނާ އަދި އެކަށޭނަ ހައްލުތަކެއް ހޯދައި ރާއްޖޭގައި ސާކިއުލާ އިކޮނޮމީއެއް ގާއިމްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.