2020 ވަނަ އަހަރުގެ ކުރީކޮޅު އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީ އަނބިކަނބަލުން މޭގަން މާކަލްއާއެކު ޝާހީ ޒިންމާތައް ދޫކޮށްލައްވައި އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ފަހުން ގިނަ ބައެއްގެ އިންތިޒާރަކަށްވީ އެއާއިލާ އަލުން އެއްތަންވާނެ ދުވަހަކަށެވެ.

އެ ދެކަނބަލުން ގަނޑުވަރުގެ ދިރިއުޅުން ދޫކޮށްލެވި ސަބަބެއް ކަމުގައި ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމްއާ ދެމެދު ހިނގި ދެބަސްވުމެއް ކަމުގައި ބެލެވޭއިރު ފާއިތުވެ ދިޔަ ދެ އަހަރު ދުވަހު އެއާއިލާގެ ގުޅުންތައް އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ޝާހީ އާއިލާ އެއްތަންވާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ގިނަ ބަޔަކަށް މިވަނީ އުފާވެރި ހަބަރެއް ލިބިފަ އެވެ. ރާނީ އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީގެ މުނާސަބަތުގައި ބާއްވާ ކާޑިފް ކޮންސާޓްގައި ވިލިއަމްއާއި އަނބިކަނބަލުން ކޭޓް މިޑިލްޓަން ބައިވެރިވެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މާ ދުރު ނޫން ހިސާބެއްގައި ހެރީއާއި މޭގަންގެ ހަގު ދަރިކަނބަލުން ލިލިބެޓްގެ އުފަން ދުވަހުގެ ޕާޓީ އޮންނާނެ އެވެ.

ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ދެ އިވެންޓް އޮންނަ ސަރަހައްދުގެ ދުރުމިނުގައި ހުންނަނީ ގާތްގަނޑަކަށް 130 މޭލެވެ. އެހެން ކަމުން ރަސްމިއްޔާތުގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތް ކުރުމަކީ ގާތް ކަމެއް ކަމުގައި ޝާހީ އާއިލާ ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން ވެސް އޮތް އުފާވެރި ހަބަރަކީ ހެރީއާއި މޭގަންގެ ހަގު ދަރިކަނބަލުން ޕްރިންސަސް ލިލިބެޓް އުފަންވި ފަހުން ފުރަތަމަ ފަހަރަށް މާމާފުޅު ރާނީ އެލިޒަބަތުއާ ބައްދަލުވާން ހަމަޖެހިފައިވާ ކަމެވެ.

ލިލިބެޓްއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޕާޓީއަށް ވަޑައިގަތުމަށްޓަކައި އެލިޒަބަތު ވަނީ އެކަމަނާގެ އެ ދުވަހުގެ ތާވަލް ހުސް ކުރައްވާފަ އެވެ.

އެހެން ކަމުން އަންނަ ހޮނިހިރު ދުވަހަކީ އިނގިރޭސި ޝާހީ އާއިލާއަށް ބޮޑު ދުވަހެއް ކަމުގައި ބުނެވިދާނެ އެވެ. ފަހަރުގައި އާއިލާގެ މެމްބަރުންގެ މެދުގައި އޮތް ރުޅިވެރިކަން އެއްފަރާތްކޮށް އާއިލީ "ރީޔޫނިއަން"އެއް ވެސް ފެނިދާނެ އެވެ.