ދަނޑި އަލުއްވަކީ ދިވެހިންގެ ކެއިންބުއިމުގައި ޒަމާނުއްސުރެ ބޭނުން ކުރެވެމުން އަންނަ ފަލަމަޑީގެ ބާވަތެކެވެ. އާއްމުކޮށް ބާޒާރުގައި ލިބެން ހުންނަ ދަނޑި އަލުވިން ގިނަ ބާވަތްތަކުގެ ކާނާ ތައްޔާރު ކުރެވޭއިރު މިއީ ސިއްހަތަށް ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ.
ދަނޑި އަލުއްވައަކީ ކާބޯހައިޑްރޭޓް އިން މުއްސަދިވެފައިވާ ހަށިގަނޑަށް ހަކަތައާއި، ބާރު ލިއްބައިދޭ ބާވަތެކެވެ. ފެޓް އަދި ޕްރޮޓީން މަދު މިކާނާ ގައި ކޮންމެ ވެސް މިންވަރަކަށް ފޮސްފަރަސް އަދި ކެލްސިއަމް އެކުލެވިގެން ވެއެވެ.
ދަނޑިއަލުވީގެ ކޮންމެ 100 ގްރާމެއްގައި 157 ކެލަރީސް، 0.2 ގްރާމް ފެޓް، 0.7 ގްރާމް ޕްރޮޓީން އަދި 38.1 ގްރާމް ކާބޮހައިޑްރޭޓް ހިމެނޭއިރު މިއީ ބަރުދަން ލުއި ކުރަން މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު ކެއުމެކެވެ.
އޭގެ އިތުރުން ދަނޑި އަލުވި ގަހުގެ ފަތަކީ ވެސް ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. މިފަތް ކައްކައިގެން ބޭނުން ކުރެވޭއިރު މިއީ ސޯޑިއަމް ލިއްބައިދޭ އެއްޗެކެވެ.
ދަނޑި އަލުވި ދެ ބަޔަކަށް ބެހޭއިރު ހިތިރަހަ ދޭ ބާވަތް ރޮލަށް ބޭނުން ކުރުން އެދެވިގެން ނުވެ އެވެ. އެއީ އޭގައި ހައިޑްރޯ ސިއެނިކް އެސިޑް ފަދަ ވިހަ މާއްދާތައް އެކުލެވޭތީ އެވެ. ކެއްކުމުން މިބުނި މާއްދާގެ ބާރު ދުއްވާލަ އެވެ. ނަމަވެސް ފޮނި ދަނޑި އަލުވި ރޮލަށް ވެސް ނުވަތަ ކައްކައިގެން ވެސް ބޭނުންކުރެވިދާނެ އެވެ.
ދަނޑިއަލުއްވަކީ އަލުއްވާއި ކައްޓަލައިގެ ބަދަލުގައި ބޭނުން ކުރެވިދާނެ އެއްޗަކަށްވާއިރު މި ބާވަތް ކެއުމުގައި ހިމެނުން ގިނަކުރަން ޖެހެ އެވެ.