ކޮވިޑް ތެރޭގައި ބުރަ މަސައްކަތްތަކެއް ކުރި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ 99 މުވައްޒަފެއްގެ އަގުވަޒަންކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިން ބުނީ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މުޅި ކުންފުނީގެ މުވައްޒަފުންނަށް ހިންގާ ޕްރޮގްރާމް ކޮވިޑާ ގުޅިގެން މެދުކަނޑާލުމަށްފަހު އަލުން ފަށާފައިވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ ދަތި އުނދަގޫ ވަގުތު ބުރަ މަސައްކަތްތަކެއް ކުރި ކުންފުނީގެ 13 ޑިޕާޓްމަންޓެއްގެ 99 މުވައްޒަފެއްގެ އަގުވަޒަންކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓީއެމްއޭގެ ސީޕްލޭން ބޭސްގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވެސް ބައިވެރިވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ރިސޯޓުތަކަށް ޓޫރިސްޓުން އުފުލުމުގެ ހިދުމަތްދޭ އެއާލައިނަކީ ކްލަޔަންޓުންނަށް ހިދުމަތް ދިނުމުގައި ދެމިތިބޭ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް ހިތްވަރުދީ އެކަން ފާހަގަކުރާ ކުންފުންޏެކެވެ.
ޓީއެމްއޭ ފަދަ ޑައިނަމިކް ވިޔަފާރީގެ މާހައުލެއްގައި، މަސައްކަތްކުރާ މުވައްޒަފުންގެ އުފާވެރި ސަގާފަތް ކުރިއަށް ގެންދާތާ އެތައް އަހަރެއްވެފައިވެ އެވެ.
އެ ކުންފުނިން މިހާރު އަންނަނީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު 80 އަށް ވުރެ ގިނަ ރިސޯޓަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަމުންނެވެ. އަދި ރިސޯޓުގެ ތަފާތު ބޭނުންތަކާއި ހިދުމަތުގެ ފެންވަރު ދެނެގަނެ، ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ބޮޑު އެއް އަމާޒު ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުގެ ހައިސިއްޔަތުން، ގާތްގަޑަކަށް 60 މަތިންދާބޯޓުގެ ފްލީޓެއް އޮޕަރޭޓްކުރާ ކުންފުނީގެ މުވައްޒަފުން ދެކެ ފަޚުރުވެރިވެ އެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރަން އެންމެ ޑިމާންޑް ބޮޑު އެއް ކުންފުންޏަކީ ވެސް ޓީއެމްއޭކަން ފާހަގަކުރެ އެވެ.
އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ އިންޑަސްޓްރީގެ އެންމެ ފަހުގެ ޒަމާނީ މިންގަނޑުތަކަށް ފުރިހަމައަށް ތަމްރީނު ލިބިފައިވާ މުވައްޒަފުންކަން ކަށަވަރުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ އެގޮތުން ޕައިލެޓުންނާއި މަތިންދާބޯޓު އިންޖިނިއަރުން، ކަސްޓަމާ ސާވިސް ސްޓާފް، ކެބިން ކްރޫންނާއި އެނޫން މުވަައްޒަފުންނަށް ހާއްސަ އިސްކަމެއް ދޭ ކަމަށް ޓީއެމްއޭ އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ އޭވިއޭޝަން ދާއިރާއިން މުވައްޒަފުން ކުރިއެރުވުމަށް ހުނަރު ތަރައްގީކުރުމަށް ވެސް ބުރަ މަސައްކަތްތެއް ކުރަމުން އަންނަ ކަމަށެވެ.