ގޭބިސީތަކުން އުކާލަން ކުނި ނެރޭއިރު ކުނިތައް ބައިބަޔަށް ވަކިކުރުމަށްފަހު ނެރުމަށް އެންގި އެންގުމަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފި އެވެ.

ވެމްކޯއިން ބުނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ގޭބިސީތަކުން އުކާލަން ނެރޭ ކުނި ހުންނަންވަނީ ބައިބަޔަށް ވަކިކޮށްފައި ކަމަށެވެ. މިކަން މިގޮތަށް ގޭބިސީތަކުން އުކާލާ ކުނި ބައިބަޔަށް ވަކިކޮށްގެން ނެރެން އެންގީ އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އޮގަސްޓް މަހު ގެޒެޓްކޮށްފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދުގައި އެގޮތަށް ކުނީގެ ކަންކަމުގައި އަމަލުކުރަން އަންގާފައިވާތީ އެވެ.

ވެމްކޯއިން އަންގާފައިވާގޮތުގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު ވަކި ކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ.

މީހުން ދިރިއުޅޭ އެހެނިހެން ރަށްތަކާއި ސިނާއީ ރަށްތަކާއި ރިސޯޓްތަކުން ކުނި އުކާލާއިރު ހަތަރު ބަޔަކަށް ބަހާލަން ޖެހޭނެއެވެ. އެއީ ކުނިވާޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ބާވަތްތަކެވެ.

ވެމްކޯ އިން ދުވަހު ކުނީގެ ގޮތުގައި އުކާލަމުންދާ ކުނީގެ ތެރޭގައި ނުހިމެނޭ ބޮޑެތި އަދި ބަރު ކުނި އުކާލުމަށްޓަކައި ވެމްކޯގެ ކޯލް އެންޑް ޕިކަޕް (ކެޕްސް)ގެ ހިދުމަތް ހޯދުމަށްވެސް އެދިފައިވެ އެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ކުނި އުކާލާ ފަރާތްތަކުން ވެސް ޖެހޭނީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ކަމަށް ވެމްކޯއިން ބުންޏެވެ.