ކުރީގެ ސަރުކާރުން މާލޭގެ ހައި ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް އޭރުގެ ހައުސިން މިނިސްޓްރީން ދިން ފްލެޓްތައް ގަބޫލުކުރެއްވި މައްސަލާގައި މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ފަނޑިޔާރުންގެ ތެރެއިން އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިގޮތަށް ނިންމިނަމަވެސް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފަނޑިޔާރު ހަމީދު ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާޢަތްތައް ފުރިހަމަނުކޮށް ކަމަށް ނިންމާފަ އެވެ. ނަމަވެސް ޖޭއެސްސީން ބުނީ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށް ކަމަށެވެ.

ކޮމިޓީން އެގޮތަށް ނިންމި ނަމަވެސް އަންނަ ހަފްތާގެ ހޯމަދުވަހު އެ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އަހަން ވަނީ ނިންމާފަ އެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ވަނީ ފަނޑިޔާރު ހަމީދު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ވޯޓަށް އަހައިފަ އެވެ. ތްރީލައިން ވިޕް ނެރުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރު ހަމީދުގެ އިތުރުން ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ވެސް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފަ އެވެ. ނަމަވެސް ފަނޑިޔާރު ރައޫފް އިއްޔެ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

ފަނޑިޔާރު ހަމީދުއާ މެދު ޖޭއެސްސީން ބަލާފައިވާ ސުލޫކީ މައްސަލަކީ 20،000 ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިން މިނިސްޓްރީ މެދުވެރިވެ، މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ގާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ޖޭއެސްސީގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއްކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި، ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފަ އެވެ.