ވޮޝިންޓަން (02 ޖޫން) - އެމެރިކާއިން ޔޫކްރެއިންއަށް އިތުރު 700 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން ނިންމާފައިވާ ކަމަށް އެގައުމުން އިއުލާން ކޮށްފި އެވެ.
މި އެހީ އިއުލާން ކުރައްވަމުން ރައީސް ޖޯ ބައިޑަން ވިދާޅުވީ މިއީ މުޅި ދުނިޔޭގައި ވެސް އެއް ގައުމުން އަނެއް ގައުމަކަށް ވެވޭ އެހީތަކުގެ ތެރެއިން ތާރީހީ އެހީއަކަށް ވާނެ ކަމަށެވެ.
"މިއާއެކު ރަޝިއާގެ ހަމަލާ ތަކާ ކުރިމަތި ލުމަށް ޔޫކްރެއިންގެ އަސްކަރިއްޔާއަށް އިތުރު ބާރެއް ލިބިގެންދާނެ،" ބައިޑަންގެ ބަޔާނެއްގައި ބުނެފައިވެ އެވެ.
އެެމެރިކާއިން މިފަހަރު ފޯރުކޮށްދޭ އެހީތަކުގެ ތެރޭގައި ދުރު ރާސްތާ ރޮކެޓް ސިސްޓަމްތަކާއި ރާޑާ ސިސްޓަމްތަކުގެ އިތުރުން ވައިގެ އުޅަނދުތަކާއި އެއްގަމު އުޅަނދުތައް ވެސް ހިމެނެ އެވެ.
އެހީގެ ތެރެއިން ދުރު ރާސްތާ މިސައިލްތައް ފޯރުކޮށްދެވުނު ނަމަވެސް އެ މިސައިލްތައް ރަޝިއާއަށް ހަމަލާ ދޭން ބޭނުން ނުކުރުމަށް އެމެރިކާއިން ވަނީ އެދިފަ އެވެ.
އަސްކަރީ ވަސީލަތްތަކާއެކު ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ވެސް އެމެރިކާ ސިފައިން ޔޫކްރެއިންގެ ސިފައިންނަށް ދޭން ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި އެ ތަމްރީނުތައް ފެށޭނެ އެވެ.
ރަޝިއާއިން ފެބްރުއަރީ މަހު ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށިފަހުން މިހާތަނަށް 4.6 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން ޔޫކްރެއިންއަށް ދީފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. -- އަލް އަރަބިއްޔާ