ތިމާވެށި ހިމާޔަތްކުރުމަށް ދިވެހިންގެ ފެންވަރުގައި ކުރެވެން ހުރިކަންކަން ކުރުމުގައި އެންމެހައި ދިވެހިން ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ރައީސް ސޯލިހު މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިޠާބުގަ އެވެ.
ރައީސް ސޯލިހުގެ ހިޠާބުގައި ވިދާޅުވީ މިބިމުގެ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން، ދިވެހީންގެ އަމަލުތަކުން ކަނޑުތައް ތަޣައްޔަރު ނުކުރުމާއި، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދިނުމާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާހައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ވިދާޅުވިގޮތުގައި، ތިމާވެށި ހިމާޔަތްކުރުމާއި އެކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ދެކެވޭ ވާހަކަތަކެކެވެ. އަދި، ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ގައުމެއްވެސް މިހާރު މި ބިންމަތީގައި ނެތުމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ގައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެއްޖެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، މި ބިމުގެ ގުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުންވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
މިގޮތުން ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ހައްލުތަކާއި އެ ހައްލުތައް ހޯދާނެ ޓެކްނޮލޮޖީ މިހާރު ފަހިވެފައިވާކަމުގައި ވިދާޅުވަމުން ރައީސް ވަނީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ އާދަތައް ބަދަލުކޮށްލުމަށްޓަކައި ބޭނުންވަނީ، ދުނިޔޭގެ ފެންވަރުގައި އަދި ޖަމާޢީ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުންކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި، މިކަން ހައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ގައުމެއް ނުވަތަ ބޮޑު ގައުމެއް ތަފާތުކުރެވެން ނެތްކަމަށާއި، މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރެވެން ނެތްކަމުގައި ރައީސް ސޯލިހު ވަނީ ހާމަކުރައްވާފަ އެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވަނީ ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، ޢާންމުން ހޭލުންތެރިކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން ފާހަގަކުރައްވާފަ އެވެ. އަދި، އެކަމަށް އޮތް އެންމެ މުހިންމު ހައްލަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެ ނެޓް ޒީރޯ ގައުމަކަށްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމާއި، ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ހިމާޔަތްކުރާ ސަރަހައްދުތައް އިތުރުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އުތީމް މުހައްމަދު ތަކުރުފާން ބޮޑު ތަކުރުފާން ( رحمه الله) ޕޯޗްގީޒުންގެ އައްދަށުން ޤައުމު މިނިވަންކޮށް، ރައީސް އިބްރާހިމް ނާސިރު ( رحمه الله ) އިނގިރޭސިންގެ އައްދަށުން ޤައުމު ނިނިވަންކުރީ، އަޅުގަޑުމެން ރިބާ ލޯނު ނަގައިގެން މިޤައުމު ދަރަނިވެރިކޮށް އިޤުތުސާދީ އަޅުވެތިކަމަކަށް ވައްޓާލަންތޯ ؟ ރިބާ ލޯނުނެގުން ހުއްޓާލަން އެންމެން ގޮވާލަން ޖެހޭ !