ކީރިތި ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކް އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ޕީޖޭޕީގެ ތަރުޖަމާނު ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބީޖޭޕީގެ ބައެއް އޮފިޝަލުން، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ.

އެ މައްސަލަ އިންޑިއާ ސަރުކާރުން ކުށްވެރިކޮށް އެކަމުގައި ހިމެނޭ އޮފިޝަލުންނާ މެދު ބީޖޭޕީން އަވަހަށް ފިޔަވަޅު އަޅާފައި ވާތީ އެކަމަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފަ އެވެ.

ސަރުކާރުން މިކަން ކުށްވެރިކޮށްފައި މިވަނީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކާއި ދިނީ އިލްމުވެރިން މިކަން ކުށްވެރިކޮށް ބަޔާންތައް ނެރެފައި ވަނިކޮށެވެ. އަދި ސަރުކާރުން މިކަން ކުށްވެރިނުކޮށްގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށެވެ.