ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުފެ ސްޓޭޓް އެންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޯއީ) އިން ބަލަން ނިންމައިފި އެވެ.

ޕީއެސްއެމްގެ ތެރޭގައި ހިންގި ކަމަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ. އެމައްސަލަ އެސްއޯއީ ކޮމިޓީއިން ބެލުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެކޮމިޓީގެ ބައްދަލުވުމެއްގައި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ނިހާދު ވިދާޅުވީ ޕީއެސްއެމްއަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއްގެ ވާހަކަ ދެކެވެމުންދާއިރު އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް އުވާލައި އެ މަސައްކަތް އައުޓް ސޯސްކުރަން ނިންމާފައިވާ ކަމަށެވެ.

"މިފަދަ އެތައް ކަމެއްގެ ވާހަކަ ޕީއެސްއެމްއާ ގުޅޭ ގޮތުން ދެކެވެމުން ދާތީވެ، ޕީއެސްއެމްގެ މި މައްސަލަ އަޅުގަނޑުމެން ވީ އެންމެ އަވަހަކަށް ބެލުމަށް އަޅުގަނޑު ހުށަހަޅަން،" ނިހާދު ވިދާޅުވި އެވެ.

ނިހާދު ހުށަހެޅުއްވި ގޮތަށް ކޮމިޓީން މި މައްސަލަ ބެލުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.

ޕީއެސްމް އިން މިދޔަ ހުކުރު ދުވަހު ބަޔާނެއްގައި ބުނެފައިވަނީ އިންޓާނަލް އޮޑިޓެއް ހަދަން އައުޓްސޯ ކުރަން ނިންމީ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭ ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ މިންވަރަށް ހާސިލްވެފައި ނުވާތީ ކަމަށެވެ. އަދި އެ ނިންމުން ގެނައީ ކުންފުނީގެ އޮޑިޓް ކޮމެޓީން ނިންމާފައިވާ ގޮތަށް ބޯޑުން ފާސް ކޮށްގެން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ޕީއެސްއެމްއިން އިތުރަށް ބުނީ އޮޑިޓް ޑިޕާޓްމެންޓެއްގެ މަސައްކަތަކީ އޮޑިޓް ރިޕޯޓް ހެދުން ކަމަށްވާއިރު އެ ޑިޕާޓްމަންޓުން އެފަދަ ރިޕޯޓެއް ހަދާފައި ނުވާ ކަމަށެވެ. އަދި އޮޑިޓް އައުޓްސޯސް ކުރަން ނިންމީ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތް އޮޑިޓް ކޮމެޓީން ރިވިއު ކުރުމަށްފަހު ކުންފުންޏަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުންފުނީގެ ބޭރުން އޮޑިޓްގެ މަސައްކަތްކުރުންތޯ ބެލުމަށް ފަހު ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.