ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުން ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ އަށް އިތުރު ފުރިހަމަކަމެއް ގެނެސްފި އެވެ.

ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާޢިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި ފޮތް ހަރުގަނޑުގެ އިތުރުން ފަރުނީޗަރު ވަނީ ހޯދައިދެވިފަ އެވެ. މި ގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއެކު ޖުމްލަ 1،000 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްދެވިފަ އެވެ. މި ފޮތްތަކުގެ ތެރެއިން 500 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތެވެ.

މި މަސައްކަތުގެ ޕްރޮޕޯސަލް ކާމިޔާބުކުރި ޝިމާއު ވިދާޅުވީ އއ. އަތޮޅު ތައުލީމީ މަރުކަޒަކީ 235 ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެއް ކަމަށާއި ސްކޫލްގެ ހާލަތަށް ބަލާލާއިރު ކުދިން ބޭނުން ކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފައި ކަމަށެވެ. އަދި ޖާގަ ތަނަވަސްކަމެއް ހުރި ނަމަވެސް ފޮތް އިތުރުކޮށް ލައިބްރަރީ އަށް ފަރުނީޗަރު ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީ އަށް އިތުރު ފުރިހަމަކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރިކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މި ފުރުސަތުގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި ޢާއިޝަތު އަޒްލީނާ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން. މިއީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ އެންމެހާ ކުދިންނަށް ލިބުނު ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ،" ޝިމާއު ވިދާޅުވި އެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީގައި ހުރި ފޮތްތަކެއް. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސައީދު ވިދާޅުވީ ތައުލީމީ ދާއިރާއަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓްތައް މެދުވެރިކޮށް އަޅުގަނޑުމެން އެހީފޯރުކޮށްދޭ އަދި ހަމައެހެންމެ އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއްދޭ އެއް ދާއިރާ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ވަނީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ބޭނުންކުރާނެ ފޮތް ހޯދައިދެވިފައި ކަމަށެވެ.

"ފޮތްތަކުގެ އިތުރުން ލައިބްރަރީ އަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށްވެގެން ދިޔުން،" ސައީދު ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ދެވިފައިވާއިރު، މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.