ހަށިގަނޑުން ނުބައި ވަސް ދުވުމަކީ އާއްމުކޮށް ގިނަ ބަޔަކަށް ދިމާވާ ކަމެކެެވެ. ސާފުތާހިރުކަން ކުޑަވުމުގެ އިތުރުން ވެސް މި އުނދަގޫ ދިމާވެދާނެ ގިނަ ސަބަބުތަކެއް ހުރެ އެވެ. އެގޮތުން ކެއުމުގައި ބޭނުން ކުރެވޭ ބައެއް ބާވަތްތަކަކީ ގައިން ނުބައި ވަސް ދުވަން މެދުވެރި ކުރުވާ ބާވަތް ތަކެކެވެ.

ލޮނުމެދު

ލޮނުމެދަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން އޭގައި ހިމެނޭ މާއްދާތަކުން ފަސޭހައިން ނިދުމަށް އެހީވެދެ އެވެ. ނަމަވެސް މާ ގިނައިން ލޮނުމެދު ކެއުމަކީ އަނގައިން ނުބައި ވަސް ދުވުމުގެ އިތުރުން، ގިނަ އިރުވުމުން ގައިންވެސް ނުބައިވަސް ދުވުމަށް މެދުވެރިކުރުވާ ކަމެކެވެ.

ފިޔާ

ފިޔާއަކީ އާންމުކޮށް ކެއުމުގައި ގިނަ ބަޔަކު ހިމަނާ ބާވަތެކެވެ. އެގޮތުން ބައެއް މީހުން ކެއްކުމުގައި ފިޔާ ބޭނުންކުރާއިރު، އަނެއް ބަޔަކު ކާއެއްޗެއްސާއެކު ރޮލަށް ފިޔާ ކާން ލޯބިކުރެ އެވެ. ފިޔާއަކީ ހަންގަނޑަށް ވަރަށް ބޮޑަށް ފައިދާ ކުރާ އެއްޗެއް ކަމުގައި ވީނަމަވެސް، އަތުގައި ފިޔާ ޖެހުމުންނާއި އާދަކޮށް ފިޔާ ކެއުމުން އެވަސް ހަށިގަނޑުން ފިލުވާލުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އަދި ގިނަ އިރުވާ ވަރަކަށް އޭގެ ވަސް ގޯސް ވަމުންދެ އެވެ.

އެއްގަމު މަސް

ރަތްކުލަ ގަދަ އެއްގަމު މަހުގެ ބާވަތްތައް، މިސާލަކަށް ގެރިމަހަކީ ގިނަ ބަޔަކަށް ކަމުދާ މީރު އެއްޗެކެވެ. ނަމަވެސް އެފަދަ ބާވަތްތައް ހަޖަމު ކުރުމަކީ ހަށިގަނޑުގެ ހަޖަމްކުރާ ނިޒާމަށް ފަސޭހަ ކަމަކަށް ނުވެ އެވެ. އާދަކޮށް މިފަދަ މަހުގެ ބާވަތްތައް ކެއުމަކީ ހަށިގަނޑުން ނުބައިވަސް ދުވަން މެދުވެރިވާ ކަމެއް ކަމެކެވެ.

ހަވާދުގެ ބާވަތްތައް

ހަވާދު އަޅައިގެން ކުޅިކޮށް ކައްކާފައި ހުންނަ ރިހަ ކެއުމަށް އާދަވެފައި ވުމަކީ ހަށިގަނޑުން ނުބައިވަސް ދުވާން މެދުވެރިވާ ސަބަބެއް ކަމުގައި ވެދާނެ އެވެ. މާގިނައިން ކުޅިކޮށް މިފަދަ ބާވަތްތައް ކާން ބޭނުންކުރާނަމަ، ހަށިގަނޑާއި އަނގައިންވެސް ނުބައިވަސް ދުވަ އެވެ.