މިއަހަރު ރާއްޖޭގެ އިގްތިސާދު ވެސް ކުރިއަރާ މިންވަރު 11 ޕަސެންޓުން 7.1 ޕަސެންޓަށް ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ވޯލްޑް ބޭންކުން ނެރުނު "ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓް" ރިޕޯޓުގައިވާ ގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާއެކު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އިގްތިޞާދީ ދުވެލި ދަށްވާނެ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު ވެސް ކުރިއަރާ މިންވަރު 11 ޕަސެންޓުން 7.1 ޕަސެންޓަށް ދަށްވާނެ ކަމަށް އެ ބޭންކުން ލަފާކުރެ އެވެ.
ވޯލްޑް ބޭންކުން ބުނީ މިއީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބަން އެ ސަރަހައްދުގެ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ޓޫރިޒަމް ދާއިރާއަށް މީގެ ކުރިން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިންވެސްޓްމަންޓްތައް މަދުވާނެ ކަމަށް ބެލެވޭތީ ގެނައި ބަދަލެއް ކަމަށެވެ.
މިއާއެކު ދެކުނު އޭޝިއާގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް އިންފްލޭޝަން މައްސަލަ ނުވަތަ ތަކެތީގެ އަގުބޮޑުވާ މައްސަލަ ފޯރާނެކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅައިބަލާއިރު ރާއްޖޭގެ އިންފްލޭޝަން އެއް ޕަސެންޓްގައި ހިފެހެއްޓިފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ. އަދި މިގޮތަށް ހިފެހެއްޓިފައިވަނީ ސަރުކާރުން ދެމުންދާ ސަބްސިޑީތަކުގެ ސަބަބުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭ ޑޮލަރު ރޭޓް ހިފެހެއްޓިފައި ހުރުމަކީ ވެސް ތަކެތީގެ އަގު މާބޮޑަށް އުފުލުނަ ނުދީ ހިފަހައްޓަން ލިބުނު އެހީއެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
ކޮވިޑަށްފަހު ދުނިޔޭގެ އިގްތިސާދު އިޔާދަވަމުންދަނިކޮށް، އިގްތިސާދު އަނެއްކާވެސް ދަށަށް ދާން ފެށި ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. އަދި ތަކެތީގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނެ އެވެ.