ހެނދުނު ހޭލައިގެން ބޯލާ ގްރީން ޓީ ތަށްޓަށްފަހު، ކުއްލިއަކަށް ފާހާނާއަށް ދާންޖެހޭ ހެއްޔެވެ؟ މިއީ ހަމައެކަނި ތިބާއަށް އެކަނި ދިމާވާ ކަމެއް ނޫނެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގްރީން ޓީ އަކީ ބަނޑު ހިކުމުގެ މައްސަލަ ހައްލު ކޮށްދޭ އަދި ފަސޭހައިން ބޮޑުކަމުދިއުމަށް އެހީވެދޭ "ގުދުރަތީ ލެކްސޭޓިވް" އެކެވެ. ނަމަވެސް ހަގީގަތް އެއަށްވުރެ ކުޑަކޮށް ތަފާތެވެ.

ހަޖަމު ކުރުމުގެ ނިޒާމާއި، ފުރަމޭ އަދި ކާނާގެ ސިއްހަތާ ބެހޭ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖޯސެފް ސަލްހާބް ވަނީ ގްރީން ޓީ އާއި ބޭރަށް ހިންގުމާ ހުރި ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވާފަ އެވެ.

ގްރީން ޓީ އަކީ ލެކްސޭޓިވް އެއްތަ؟

ޑރ. ސަލްހާބް ވިދާޅުވާ ގޮތުގައި، ގްރީން ޓީ އަކީ ސީދާ ލެކްސޭޓިވްއަކަށް ނުވީ ނަމަވެސް، އެ ބުއިމުގެ ސަބަބުން ބަނޑުގެ ހަރަކާތްތަކަށް އަސަރުކުރެ އެވެ. މީގެ މައިގަނޑު ސަބަބަކީ ހޫނު އެއްޗެއް ބުއިމާއި، އޭގައި ހުންނަ ކެފެއިން އެއްވެގެން ހަޖަމު ކުރުމުގެ ނިޒާމަށް ގެނުވާ ޙަރަކާތެވެ.

މިކަމުގެ ސަބަބުން ހަޖަމުކުރާ ނިޒާމުގެ ބައެއް ކަމަށްވާ ކޮލޯން ވާންވެ، ބޮޑުކަމުދާން ބާރުއަޅަ އެވެ. އެހެންކަމުން، ހެނދުނުގެ ވަގުތުގައި ގްރީން ޓީ ތަށްޓެއް ބުއިމަކީ ބަނޑު ހަރަކާތް ކުރަން ފަށަން މެދުވެރިވާ ސަބަބަކަށް ވެދާނެ އެވެ.

ގްރީން ޓީގެ އެހެނިހެން ފައިދާތައް

ގްރީން ޓީ އަކީ ހަމައެކަނި ބަނޑު ހިންގުވަން އެހީތެރިވުމުގެ އިތުރުން، ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބުއިމެކެވެ. އޭގެ ތެރޭގައި:

  • އެންޓި އޮކްސިޑެންޓް އިތުރުވުން ދުޅަވުން ކުޑަ ކޮށްދިނުން: ގްރީން ޓީގައި ޕޮލިފެނޯލް އަދި ކެޓެޗިން ގުދުރަތީ ގޮތުން އެކުލެވިގެންވެ އެވެ. މިއީ ހަށިގަނޑުގެ ދުޅަވުން ކުޑަކޮށްދީ، ހިތުގެ ސިއްހަތާއި ލޭގެ ޕްރެޝަރާއި އަދި ސިކުނޑީގެ މަސައްކަތް ރަނގަޅު ކޮށްދޭ މާއްދާތަކެކެވެ.
  • ބަނޑުގައި ހުންނަ ފައިދާހުރި ޖަރާސީމު އިތުރު ކޮށްދިނުން: ދިރާސާތަކުން ދައްކާ ގޮތުގައި، އެންމެ 10 ދުވަސް ވަންދެން ގްރީން ޓީ ބުއިމުންވެސް ބަނޑުގައި ހުންނަ ފައިދާހުރި ޖަރާސީމު އިތުރުވާން ފަށަ އެވެ.
  • ފުރަމޭގެ ޞިއްޙަތު ރަނގަޅުކޮށްދިނުން: ފުރަމޭގައި ސަރުބީ ޖެހުމުގެ މައްސަލަ (fatty liver) ހުންނަ މީހުންނަށް، ގްރީން ޓީ ބުއިމުން ފުރަމޭގެ މަސައްކަތްތަކަށް ލުއެއް ލިބިގެންދާކަން ބައެއް ކްލިނިކް ޓްރަޔަލްތަކުން ދައްކާފައިވެ އެވެ.

އެހެން ކަމުން، ބަނޑު ފަސޭހަ ކުރުމަށް، ނުވަތަ އާންމު ސިއްހަތާއި ހިތާއި ސިކުނޑީގެ ދުޅަހެޔޮ ކަމަށްޓަކައި ގްރީން ޓީ އަކީ ބޭނުން ކުރަން އެންމެ އެކަށީގެންވާ އެއް ބުއިން ކަމަށް ޑޮކްޓަރުން ފާހަގަ ކުރައްވަ އެވެ.