ހަށިގަނޑުގެ ނާރުތަކުގައި ސަރުބީ ގިނަވެ ޖަމާވުމަކީ ފުރާނަައަށް ވެސް ނުރައްކާ ވެދާނެ ކަމެކެވެ. ހިތުގެ ދުޅަހެޔޮ ކަމާއި ލޭގެ ޕްރެޝަރަށް އަސަރު ކުރާ ކޮލެސްްޓްރޯލްއަކީ ދިރިއުޅުމުގެ ބައެއް ކަންކަމަށް ބަދަލު ގެނެސްގެން ވެސް ކޮންޓްރޯލް ކުރެވިދާނެ އެއްޗެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑުގައި ހިމެނޭ ރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ރަނގަޅު ކޮލެސްޓްރޯލްގެ ނިސްބަތް މަތިވެ އެވެ.

ކަސްރަތުކުރުން

ގަވާޢިދުން ކަސްރަތު ކުރުމަކީ ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާޢިދުން މަދުވެގެން 30 މިނިޓް ހަށިގަނޑަށް ފައިދާހުރި ކޮންމެވެސް ކަސްރަތެއް ކުރުމަށް އާދަކުރާށެވެ.

ބަރުދަން ލުއިކުރުން

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަކީ ލޭގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްވާނެ ކަމެކެވެ. މީގެ އިތުރުން ބަރުދަން ލުއިކުރުމަކީ ލޭ މައްޗަށްދިއުން ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.

ގަވާޢިދުން ބޭސް ބޭނުން ކުރުން

ބައެއް ފަހަރު ހަމައެކަނި ކެއުމަށް ބަދަލު ގެނައުމާއި، ކަސްރަތު ކުރުން ސަރުބީ ދަށްނުވެ ހިނގައިދާނެ އެވެ. އެހެން ކަމުން މިހާލަތުގައި ކެއުމަށް ބަދަލު ގެނައުމާއި އެކު، ކަސްރަތުކުރުން ކުރިޔަށް ގެންދަމުން، ސަރުބީ ދަށްކުރުމަށް ޑޮކްޓަރުން ދެއްވާ ބޭސް ގަވާޢިދުން ބޭނުން ކުރަން ޖެހެ އެވެ.