އަތައަކީ އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. މޭވާއެއްގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ފަނި ގިރައިގެންނާއި ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ދިވެހިން ބޭނުން ކުރާ އަތައަކީ އޭގެ މީރުކަމާ އެއްވަރަށް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކެއް ވެސް ލިއްބައިދޭ މޭވާއެކެވެ.
އެގޮތުން އަތައިގައި ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ ވިޓަމިން ސީ އަދި ވިޓަމިން އޭ ގިނަ އަދަދަކަށް ހިމެނެ އެވެ. އެއާއެކު ވިޓަމިން އޭގެ ސަބަބުން ލޮލުގެ ދުޅަހެޔޮކަމަށާއި ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމުގައި އެހީތެރިވެދޭއިރު އަތައިގައި ހުންނަ ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން ބީގެ ސަބަބުން ހަންގަނޑާއި އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށް އެހީތެރިވެދެ އެވެ.
އަތައިގެ ކޮންމެ 100 ގުރާމެއްގައި ތިން ގުރާމް ފައިބާ ހުންނައިރު ފައިބާއަކީ ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާ އެކެވެ. އަދި ކޮންމެ 100 ގުރާމެއްގައި 17 މިލިގުރާމްގެ މެގްނީޒިއަމް ހުންނައިރު އެ މާއްދާގެ ސަބަބުން ގުޅަކައި ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އަޅުވައި، ރާއްޖެބަލި ޖެހިފައިވާ ހުޅުތަކުން އެސިޑް ބޭރުކޮށް އެބަލީގެ އުނދަގޫތައް ވެސް ކުޑަކޮށްދެ އެވެ.
އޭގެ އިތުރުން އަތައިގައި މެގްނީޒިއަމް ހުރުމަކީ ހިތުގެ ދުޅަހެޔޮ ކަމަށް ލިބޭ ފައިދާ އެކެވެ. އަދި އެމިނޯއެސިޑް ހީމޯސިސްޓެއިންގެ މިންވަރު ލޭގައި ދަށްކުރާ މާއްދާއެއް ކަމަށްވާ ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން ވެސް އަތައިގައި ހުރެއެވެ. އެމިނޯއެސިޑްގެ މިންވަރު ލޭގައި މަތިވުމަކީ ހިތުގެ ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުކުރާ ކަމެކެވެ.
އާދަޔާ ހިލާފަށް ވަރުބަކަމާއި ވާޅުކަން އިހުސާސްވާ މީހުންނަށް އަތައަކީ ބޭނުން ކުރެވިދާނެ ރަނގަޅު މޭވާ އެކެވެ. އެއީ އަތައިގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ވަރުބަލިވެފައިވާ މަސްތަކަށް ބާރު ގެނަސްދޭތީ އެވެ. އެއާއެކު ކާނާ ހަޖަމް ނުވުން ރަނގަޅު ކުރުމުގައި މުހިއްމު ދައުރެއް އަތަ އަދާކުރެ އެވެ.
ހަށިގަނޑުގެ ދަގަނޑުގެ މިންވަރު މަތިކޮށް ލޭ މަދުވުމުން ރައްކާތެރި ކޮށްދިނުމުގެ އިތުރުން ކަރުތެރެއާއި ފުއްޕާމޭގައި ހިފާފައިހުންނަ ދަވަ ސާފް ކުރުމަށް ވެސް އަތައަކީ ވަރަށް ރަނގަޅު މޭވާ އެކެވެ.