ކިޑްނީ ބައްޔަކީ ދުނިޔޭގައި ވެސް އެންމެ ހަލުވި ކަމާއެކު އިތުރު ވަމުން އަންނަ ގައިން ގަޔަށް ނާރާ އެއް ބައްޔެވެ. ވަގުތު އޮއްވާ ފަރުވާ ނުކުރެވިއްޖެ ނަމަ މިއީ ފުރާނައަށް ވެސް ނުރައްކާ ކުރުވާ ބައްޔެކެވެ.
ކޮންމެ އަހަރަކު ވެސް އެތައްހާސް ބަޔަކު މި ބަލީގައި ދުނިޔެ ދޫކުރަމުން ދާއިރު މި ބައްޔަށް މިވަގުތު އޮތް ފަރުވާއަކީ ޑައަލަސިސް ނުވަތަ ކިޑްނީ ބަދަލު ކުރުމެވެ. ޚަރަދުގެ ގޮތުންނާއި ގުޅޭ ކިޑްނީއެއް ނުލިބުމުގެ ސަބަބުން ވިޔަސް ކިޑްނީ ބަދަލު ކުރުމަކީ ގިނަ ބަޔަކަށް ދަތި ކަމަކަށްވާއިރު ޑައަލަސިސްގެ ވޭން އެނގޭނީ އެކަން ތަޖުރިބާ ކުރަމުންދާ މީހަކަށެވެ.
ތަރައްގީ ވަމުން އަންނަ ދުނިޔޭގައި ބޭސް ފަރުވާގެ ނިޒާމަށް ވެސް ގިނަ ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ.
ސައިންސްވެރިން މިވަނީ ޑައަލަސިސްގެ ބަދަލުގައި ކިޑްނީ ބައްޔަށް ދޭނެ ފަރުވާއެއްގެ ގޮތުގައި އާޓިފިޝަލް ކިޑްނީއެއް އީޖާދުކޮށް އޭގެ ޓެސްޓުތައް ކުރަން ފަށާފަ އެވެ. މި ޓެސްޓުތައް ކާމިޔާބު ވެއްޖެ ނަމަ މިއީ ކިޑްނީ ބަލިން ރައްކާތެރިވުމުގައި މެޑިކަލް ސައިންސަށް ހޯދޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި އާޓިފިޝަލް ކިޑްނީއަކީ ހަށިގަނޑުގެ ތެރެއަށް ލައްވައިގެން ޑައަލަސިސްގެ ބޭނުން ހިފޭ އެއްޗެކެވެ. އެއާއެކު ޑައަލަސިސް ހަދަން ހޮސްޕިޓަލަށް ދިއުމާއި އެކަމުގައި އަޅާ ވޭން ކުޑަވެ ގޭގައި ވެސް ވަރަށް ފަސޭހައިން ލޭ ސާފު ކުރެވޭނެ އެވެ.
ސައިންސްވެރިން މި ކިޑްނީގެ މަސައްކަތް ހަލުވި ކަމާއެކު ކުރަމުން ދިޔަ ނަމަވެސް ޓެސްޓު ތަކަށްފަހު އާއްމުކޮށް މި ޚިދުމަތް ލިބެން އަހަރުތަކެއް ނަގާނެ އެވެ.