ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސް ނަގަން އަންނަ ހަފްތާގައި ފަށަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މި މަހުގެ ނިޔަލަށް އެ މައްސަލައިގެ ހެކިބަސް ނަގައި ނިންމަން ގަސްތުކުރާ ކަމަށެވެ.

ދައުވާތައް ސާބިތުކުރަން ދައުލަތުން 13 ހެއްކަކު ވަނީ ހުށަހަޅާފައެވެ. ޔާމީންގެ ފަރާތްޕުޅުން ދިފާއުގައި ހުށަހެޅުއްވީ ހަތް ހެކީންނެވެ.

އެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ހުށަހެޅުމުގެ ދައުވާ އެވެ.

ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ދެމެދު ދެެއްކެވިފައިވާ ފޯނު ކޯލްތަކެއްގެ ރިކޯޑިން ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އެ ރެކޯޑިންތައް ހުށަހެޅީ 2013 ވަނަ އަހަރުން ފެށިގެން ރިސޯޓް ހަދަން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކުރުމަށް ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ހިއްސާ ކުރިން އޮތް ކުންފުންޏަކަށް އާރަށް ކުއްޔަށް ދޭން ޔާމީން އިރުޝާދު ދެއްވި ކަން އަދީބާއި ޒިޔަތުގެ ހެކިބަހުން އެނގޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ރިޝްވަތު ކަމަށް ބުނާ ފައިސާގެ މައުމާލަތަކީ އެއީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ޔާމީން ވިދާޅުވިޔަސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނަ ދުވަހެއް އަދި ކޯޓުން ނުބުނެ އެވެ.