ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން ދާތީ އެ ތަކެތީގެ އަގުތައް ތިރިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މިމައްސަލަ ބަލަިއ ނުގަނެ ބޭރުކޮށްލީ 29 މެންބަރުން ވޯޓުންނެވެ.

އާދަމް ޝަރީފްގެ މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގައި ދިވެހިންގެ އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންކުރާ މުދަލުގެ އަގު ބޮޑުވެ، ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް އަގުތައް މަތިވެ، ރާއްޖޭގެ އިންފްލޭޝަން އުފުލެމުން ދިއުމާއި ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތައްވެސް އުފުލެމުންދާ ކަމަށެވެ.

ހާއްސަކޮށް ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ރާއްޖޭގެ އުފެއްދުމެއް ކަމުގައިވާ މިފްކޯގެ މަސްދަޅު އަގުބޮޑުކުރުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގުބޮޑުކޮށްފައިވާއިރު ކާގޯ ހިދުމަތުގެ އަގުތައް މަތިކުރުމާއި އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ސިމެންތިއާއި ދަގަނޑުގެ ބާވަތްތަކުގެ އަގު މަތިވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން އާންމުކޮށް ރައްޔިތުން ބޭނުންކުރާ ބައެއް ކާނާއާއި ބުއިމުގެ ބާވަތްތައްވެސް އަގުބޮޑުވެފައިވުމާއި، ތަކެތީގެ އަގުތައް ބޮޑުވެ އަތްނުފޯރާ ފަށަށްދާއިރު ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ނެތް ކަަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އިދިކޮޅުން ހުށައަޅާ މިފަދަ މައްސަލަތައް އެމްޑީޕީގެ މެޖޯރިޓޯ އޮންނަ ރައްޔިތުންގެ މަޖިލީހުން ބޭރު ކުރަމުންދާތީ މީގެ ކުރިންވެސް އިދިކޮޅު ޕާލިމެންޓްރީ ގްރޫޕުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.