ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު މަދުވެފައި އޮތުމަށް ފަހު އަލުން އަދަދުތައް އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ކޮވިޑް ކޭސްތައް މިހާރު އިތުރުވަމުން އަންނަ ކަމަށާއި އެކަމަށް ސަމާލުކަން ދޭޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 ކޭސް ފެނިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ޖޫން ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 50 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ. އަދި 40 މީހުން ނިސްބަތްވަނީ އަތޮޅުތަކަށެވެ. 52 މީހަކު ނިސްބަތް ވަނީ ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތް ހިނގާ ރަށްތަކަށެވެ.

ކޮވިޑްގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އެކަހެރިވި ޓެސްޓުތައް ހެދުމަށާއި އަދި މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތައް، އަދި ބަލީގެ ސަބަބުން ނުރައްކާވެދާނެ ފަރާތްތަކާއި އެފަދަ ފަރާތްތަކާއެކު ދިރިއުޅޭ ނުވަތަ އެފަދަ މީހުން ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އާއި އެތަންތަނަށް ޒިޔާރަތް ކުރާ މީހުން މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް 179،979 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި އެ ބަލީގައި 299 މީހަކު މަރުވި އެވެ.