ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސައުތުގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައިގެ ޝޫޓިން މިމަހު ފަށަން ހަމަޖެހިއްޖެ އެވެ.

ކޮވިޑަށް ފަހު ސައުތު އިންޑިއަން ސިނަމާތަކުގައި އެޅުވި ފުރަތަމަ ފިލްމަކީ އައްލޫ އަރުޖުންގެ "ޕުޝްޕާ" އެވެ. އަދި އެ ފިލްމު ރިލީޒްވުމާ އެކު ގިނަ ބައެއްގެ ތަރުހީބު ފިލްމަށް ލިބި މަދު ދުވަސްކޮޅެއްގެ ތެރޭގައި ސުޕާހިޓަކަށް ފިލްމުވި އެވެ.

އެއާއެކު ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ޕުޝްޕާ ފިލްމުގެ ދެވަނަ ބައިވެސް ނެރުމަށް ނިންމާފަ އެވެ. އެގޮތުން މިމަހު ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާކަމަށް ޕްރޮޑަކްޝަނުން ބުނެ އެވެ.

ޕުޝްޕާގެ ދެވަނަ ބައިން ވެސް ބަތަލުގެ ރޯލުން ފެނިގެން ދާނީ އަރުޖުން އެވެ. އަދި ފިލްމުގެ ސްކްރިޕްޓް ނިމި ޝޫޓިންއަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް ވެސް ޕްރޮޑަކްޝަނުން ވަނީ ބުނެފަ އެވެ.

ފިލްމުގެ ފުރަތަމަ ބައި އިންޑިއާގެ ފަސް ބަހަކުން ރިލީޒްކޮށްފައިވާއިރު، ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް، ކަންނަޑާ މި ފަސް ބަހުން އެ ފިލްމު ސިނަމާތަކުގައި އަޅުވާފައިވެ އެވެ. ފިލްމުގެ އަންހެން ލީޑްރޯލުން ފެނިގެން ދިޔައީ ރަޝްމިކާ މަންޑަންނާ އެވެ. އަރުޖުން އާއި ރަޝްމިކާގެ ޖޯޑަށްވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.