ބުރަކަށީގައި ރިއްސުމަކީ އުމުރުގެ ކޮންމެ ހިސާބެއްގައި ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ޑޮކްޓަރަށް ދެއްކުމަށް މީހުން އާއްމު ކޮށްދާ އެއް ސަބަބަކީވެސް ބުރަކަށީގައި ރިހުމެވެ.

ބުރަކަށީގައި ރިއްސާނަމަ ކެއުމަށް ވެސް ބަދަލުތަކެއް ގެނައުން މުހިއްމެވެ. ބަރުދަން ކުއްލިޔަކަށް ބަރުވެ، މީހާ ކަންނެތް ވުމުގެ ސަބަބުން ވެސް ބުރިކަށީގައި ރިއްސާތަން އާދެ އެވެ. ނުކައި ބަރުދަން ލުއި ކުރުމުގެ ބަދަލުގައި ކެއުމުގައި ތަރުކާރީ ކޮޅެއް އިތުރުކޮށް ލާށެވެ. އަދި ކެއުމުގައި ބޭނުން ކުރެވޭ ހަކުރު މަދުކޮށްލާށެވެ. ހަކުރު މަދުކޮށްލުމުން ހަށިގަނޑު ވަރަށް އަވަހަށް ވަރުބަލި ވާކަން ފާހަގަ ކުރެވެން ފެށުމުން ދުވާލަކު 30މިނެޓް ކަސްރަތު ކޮށްލާށެވެ. ހަފްތާއެއް ވަންދެން މިގޮތަށް ކަންތައް ކޮށްލުމުން މިކަމަށް އާދަވެ ހަށިގަނޑުން ބަދަލު ފެންނާނެ އެވެ.

އިށީނދެ އެއް ތަނެއްގައި ގިނައިރު އިނުން ދޫކޮންލާށެވެ. ހަށިގަނޑަށް ކޮންމެ އެއްގަޑި އިރަކުން ފަސް ވަރަކަށް މިނެޓްގެ ކަސްރަތު ދޭށެވެ. އިށީނދެ ގިނައިރު އިނުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ހަރަކާތް ހުއްޓި، މެޓަބޮލިޒަމް ރޭޓް ދަށްވެ، އިތުރު އެހެން ބަލިތައް ޖެހުމުގެ މަގު ހުޅުވިގެންދެ އެވެ. އެގޮތުން ހަކުރު ބަލި ޖެހި ނުވަތަ މާބޮޑަށް ފަލަވާ ތަން ފެނެ އެވެ. އެހެން ވުމުން އިށީނދެ ގިނައިރު އިނުމުގެ ބަދަލުގައި އިރުކޮޅަކު ހިނގާލާށެވެ.

ހިނގާ، އިށީނދެ އުޅޭއިރު ބުރަކަށި ތެދުކޮށް ހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިޒަމާނުގައި އާއްމުކޮށް ކުދިން ހިނގާއިރު ގުދު ނިކުމެފަ ހުންނަ ތަން ފެނެ އެވެ. އެއީ ހިނގާ، އިށީދެ އުޅޭއިރު ހަށިގަނޑުން ބާރުދޫކޮށް ލައިގެން ގުދު ނެރެގެން އިނުމުން ދިމާވާ މައްސަލަ އެކެވެ. ލަސް ނުވަނީސް މިކަމަށް ފަރުވާތެރިވާށެވެ. އިށީދެ އިންނަ އިރު ހަށިގަނޑު ތެދު ކޮށްލަން ހަނދާން ކުރާށެވެ.