މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޕްރޮޖެކްޓް ކޮންސަލްޓަންޓު ހެޑް ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ވީއައިއޭ ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު "ހުރިހާ" އަށް ވިދާޅުވީ، އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ޕޯލް އަޑޫ 58، މަރުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ އެ މީހާ މާލެއަށް ދިޔައީ ޓެކްސީއެއްގައި ކަމަށްވެ އެވެ. އަދި ފުލުހުން މިހާރު އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ހޯދައިގެން އެ ޓެކްސީ ފާހަގަކޮށްފައިވާ ކަމަށްވެ އެވެ.

ސިންގަޕޫރުގެ ސުރުބާނާ ކުންފުނީގެ ފަރާތުން އެއާޕޯޓުގައި އިސް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާތާ ތިން އަހަރު ވެފައިވާ އެ ފިރިހެން މީހާ އަރައިގެން ހުރި އޮފީސް ބޫޓާއި ދަބަސް ބަހައްޓާފައި މާލޭ ޖަލު ކުރިމަތިން ފަޅަށް ފުންމާލާތަން އެ ސަރަހައްދުގައި ހުރި ކެމެރާ އިން ވެސް ފެންނަ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"އޭނާ ކޮންމެ ދުވަހަކު އޮފީހަށް އަންނަނީ ޓެކްސީގައި. ދެން މިއަދު ކުއްލިއަކަށް މާލެ ދާން ޖެހުނީ ކީއްވެގެން ކަމެއް ނޭނގެ،" އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ދުވަސްކޮޅެއް އެމީހާގެ އަނބިމީހާ ރާއްޖެ އައިސް އުޅުމަށްފަހު ފުރައިގެން ދިޔަފަހުން މިވަގުތު ދިރިއުޅެނީ އެކަނި ކަމަށެވެ.

މީހަކު މޫދަށް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ ހެނދުނު 9:45 ގަ އެވެ. ނަމަވެސް އޭނާ މޫދަށް ފުންމާލީ ކިހާ އިރަކު ކަމެއް އަދި ސާފެއް ނުވެ އެވެ. އެ މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.