އަބަދުވެސް އިވެނީ އަންހެނުންގެ އުމުރުން ދުވަސްވުމުން ދަރިން ނުލިބޭނެ ވާހަކަ އެވެ. އަންހެނެއްގެ އުމުރުން 40 ވަރަކަށް އަހަރު ވުމުން ދަރިން ހޯދަން އުނދަގޫވާނެ ކަމާއި އެކަމުގައި ނުރައްކާތައް ހުރި ކަަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ނަމަވެސް ދިރާސާއަކަށްފަހު ސައިންސްވެރިން ބުނަނީ އުމުރުން ދުވަސްވުމުން ދަރިން ނުލިބެނީ ހަމައެކަނި އަންހެނުންނަށް ނޫން ކަމަށާއި ފިރިހެނުންގެ ދަރިން ލިބުމުގެ ގާބިލްކަން ވެސް އުމުރުން ދުވަސްވާ ވަރަކަށް ދަށްވާ ކަމަށެވެ.

އައިވީއެފް ހަދާފައިވާ ދެމަފިރިންތަކެއްގެ މެދުގައި އެމެރިކާގައި ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އައިވީއެފް ހަދައިގެން ވެސް ދަރިން ހޯދުމުގެ ފުރުސަތު ފިރިހެން މީހާގެ އުމުރުން ދުވަސްވާ ވަރަކަށް ވެސް ހަނިވަމުން ދެ އެވެ.

މި ދިރާސާ ކޮށްފައިވަނީ ބޮސްޓަންގެ އައިވީއެފް ސެންޓަރަކުން 2000 އާއި 2014 އާ ދެމެދު ޚިދުމަތް ހޯދި 7،753 ދެމަފިރިއެއްގެ 19،000 އައިވީއެފް އަށް ބަލައިގެންނެވެ. މި މީހުންގެ ތެރެއިން އަންހެން ބައިވެރިންގެ އުމުރު އެވްރެޖްކޮށް ހަގު އިރު ފިރިހެނުންގެ އުމުރު އުޅެނީ އެވްރެޖްކޮށް 42 އަހަރުން މަތީގަ އެވެ.

އައިވީއެފް ހެދި އެންމެންގެ ތެރެއިން، ކުއްޖެއް ހޯދުމުގެ ފުރުސަތު އުމުރުން ދުވަސްވެފައިވާ ފިރިހެނުންނަށް ހަނިވެފައި އޮތްކަން ސައިންސްވެރިން ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ދިރާސާތަކަށް ފަހު ނޫނީ މާ ތަފްސީލުކޮށް މިކަން ހާމަކުރެވެން ނެތް ކަމަށް ދިރާސާ ކުރި ފަރާތުން ވަނީ ބުނެފަ އެވެ.