ތެލް އަވީވް (21 ޖޫން) - އިޒުރޭލުގެ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮތް ދެބަސްވުންތައް އިތުރުވެ، އެ ދެބަސްވުންތައް ހައްލު ނުކުރެވި ދިގުލައިގެން ދާތީ މަޖިލިސް އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ދެ ޕާޓީގެ އިސްވެރިން ކަމަށްވާ ބޮޑުވަޒީރު ނަފްތާލީ ބެނެޓްއާއި ޚާރިޖީ ވަޒީރު ޔައިރު ލެޕިޑް އިސްވެ ހުންނަވައި ހުށައަޅާ މި ހުށައެޅުން މަޖިލީހަށް އިއްވަން ހަމަޖެހިފައިވަނީ އަންނަ ހަފްތާ ތެރޭގަ އެވެ.

ބެނެޓްއާއި ލެޕިޑް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިހާރުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި އާއްމު އިންތިހާބެއް އަވަސް މުސްތަގުބަލެއްގައި ބޭއްވުމަށް ދެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ.

މަޖިލީސް އުވާލުމުގެ ހުށައެޅުން ފާސްވެއްޖެނަމަ އާ މަޖިލީހެއް އިންތިހާބު ކުރަން އެގައުމުން އަންނަ އޮކްޓޯބަރު މަހު ބާއްވާ އާއްމު އިންތިހާބަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެގައުމުގައި ބާއްވާ ފަސްވަނަ އާއްމު އިންތިހާބެވެ.

މިހެން ކަން ވެއްޖެ ނަމަ މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މަގާމުން ދުރުވާނެ އެވެ. އެއަށްފަހު އާ ސަރުކާރެއް އެކުލަވާލުމާ ހަމައަށް ބޮޑުވަޒީރު ނކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ ޚާރިޖީ ވަޒީރު ޔައީރް ލެޕިޑް އެވެ.

ދިގު 12 އަހަރު ބޮޑުވަޒީރުކަން ކުރެއްވެވި ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ވައްޓާލައި ކޯލިޝަން ސަރުކާރަކުން ވެރިކަމަށް އިސްވީ މިދިޔަ އަހަރު އެވެ.

އިޒްރޭލުގެ މިހާރުގެ މަޝްރަހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ މިހާރު އޮތް ސަރުކާރު ރޫޅުމަކީ އިޒުރޭލުގެ ރައްޔިތުންނަށް ލިބުނު އުފާވެރި ހަބަރެއް ކަމަށެވެ. -- އަލް އަރަބިއްޔާ