މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި، ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމަށްޓަކައި ގާޒީން އިތުރަށް މަސައްކަތްކުރާ ދުވަސްތަކަށް ޢިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ހުށަހެޅުއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ. ޖޭއެސްސީން ހުށަހަޅާފައިވާ ހުށައެޅުމުގައި މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާ އެވެ. މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ހުއްދަ ދެއްވާފަ އެވެ.

ޖޭއެސްސީން ހުށަހެޅިގޮތަށް ފާސްކުރުމަށް ކޮމިޓީގައި ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒެވެ. އަދި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން އެ ހުށައެޅުން ފާސްކުރި އެވެ.

މީގެ އިތުރުން ކޮމިޓީން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހަޅާފައިވަގޮތަށް ހަތަރު މަސް ދުވަހަށް ގާޒީންނަށް އާ އިނާޔަތެއް ދިނުމަށް ވެސް ނިންމާފަ އެވެ. އެއީ އެއީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޒީންނަށް އެ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށެވެ. އެއީ ކްރިމިނަލް ކޯޓުގައި ނުނިމި ފުނިޖެހިފައިވާ 1،182 މައްސަލަ ނިންމުމަށެވެ.

އެ ރޭޓުން އިނާޔަތް ދީފިނަމަ އެ މުއްދަތުގައި އިތުރަށް ހަރަދުވާނީ 600،000 ރުފިޔާ އެވެ. ފަނޑިޔާރުންގެ މުސާރައާއި އިނާޔަތަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ބަލަންހުރި މައްސަލަތައް ބަަލައި މުޅިން ނިންމަން 16 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށާ، ފުލް ކެޕޭސިޓީގައި ކޮންމެ ދުވަހަކު މަސައްކަތް ޝެޑިއުލް ކުރި ނަމަވެސް މިހާ މުއްދަތު ނަގާނެ ކަމަށް ޖޭއެސްސީއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ކޮންމެ އަހަރަކު އެވްރެޖްކޮށް 900 އެއްހާ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅަ އެވެ.