އަންހެނުންނަކީ ޒަމާނުއްސުރެ ވާހަކަ ގިނަ ބައެއްގެ ގޮތުގައި ދެކެވިފައި އޮތް ބައެކެވެ. މިއީ މުޖުތަމައުގައި ލަދުވެތި ކަމަކަށް ވެސް އޮންނަނީ ވެފަ އެވެ. ނަމަވެސް ގިނައިން ވާހަކަ ދެއްކުމުގެ ސަބަބުން، އެމީހެއްގެ ފަރުދީ ގުޅުންތައް ހަރުދަނާވެ، އެމީހެއްގެ އިޙްސާސްތަކާއި ޚިޔާލުތައް ފުރިހަމައަށް އެހެން މީހުންނަށް ފޯރުކޮށްދެވުމުގެ އިތުރުން އެކަމަކީ އުމުރު ވެސް ދިގުކޮށްދޭ ކަމެކެވެ

ގިނަ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އިންސާނުންގެ އުމުރު ބިނާވަނީ އެމީހެއްގެ ޖީން އަށެވެ. އެހެން ނަމަވެސް ފަހުގެ ދިރާސާތަކުން އެނގޭ ގޮތުން، އުމުރު ދިގުވުން ބަރޯސާ ވަނީ ހަމައެކަނި ޖީންއަކަށް ނޫނެވެ. އަދި މީގެ އިތުރުން ގިނައިން ވާހަކަ ދެއްކުމާއި، އުމުރު ދިގުވުމާއި ގުޅުމެއް ވެއެވެ.

އެމެރިކާގެ ދެ ޔުނިވާސިޓިއެއް ކަމުގައިވާ އަލްބާޓް އައިންސްޓަން ކޮލެޖް އޮފް މެޑިސިން އަދި ޔެޝިވާ ޔުނިވާސިޓީގެ ސައިންޓިސްޓުންގެ ގްރޫޕަކުން ކޮށްފައިވާ ދިރާސާއެއްގައި ދުވާލެއްގެ މައްޗަށް އިންސާނަކު ވާހަކަ ދައްކަން ބޭނުންކުރާ ބަސްތަކުގެ އަދަދު އަދި ބޭނުންކުރާ ބަސްތަކާއި، އެމީހެއްގެ އުމުރާއި ހުންނަ ގުޅުން ބަލައި، ދިރާސާކޮށްފައިވެ އެވެ.

މިގޮތުން މިދިރާސާއިން ހާމަވެގެން ގޮސްފައިވާ ގޮތުގައި، އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދައްކާ މީހުން ކަންކަމާމެދު ރަނގަޅަށް ވިސްނައި، ކަންކަމުގައި ކުރިމަތިލުމަށް ޖެހިލުން ނުވެ، ވިސްނުން ރަނގަޅު ގޮތުގައި ބޭނުންކޮށް ރިވެތި އަޚުލާޤީ ސިފަ ގައިގައި ހަރުލާފައިވެ އެވެ. މިފަދަ ސިފަތަކެއް ލިބިފައި ވުމުގެ ސަބަބުން، ދިރިއުޅުމުގެ ކާމިޔާބު ބަޔަކަށްވެ ދިރިއުޅުމަށް އަންނަ ރަނގަޅު ބަދަލުތަކުގެ ސަބަބުން އެމީހުންގެ އުމުރު ދިގުވެ އެވެ.

އިތުރު އެހެން ދިރާސާއެއްގައި 95 އަހަރާއި 100 އަހަރާ ދެމެދުގެ 250 ދުވަސްމީހުންގެ ގުޅުންތަކާއި، ޝަޚްސިއްޔަތާއި އަދި ޖީން އާއި ގުޅުމެއް ވޭތޯ ދިރާސާކު ރެވުނެވެ. މިދިރާސާއިން، އަދަޔާ ޚިލާފަށް ޝައުޤުވެރިކުރުވަނިވި، ކަންތައްތަކެއް ހާމަވެގެން ގޮސްފައި ވެއެވެ. ކަންކަމާއި މެދު ރަނގަޅަށް ވިސްނާ ގިނަ ފަރާތްތަކަކީ ގިނައިން ވާހަކަ ދެއްކޭ ކަމަށް އެއްބަސްވާ ފަރާތްތަކެވެ.

ވާހަކަ ދެއްކުމަށް ދުވާލެއްގެ މައްޗަށް 15000 ބަސް ބޭނުންކުރާ ފަރާތްތައް އެއަށްވުރެ މަދުން ވާހަކަ ދައްކާ ފަރާތްތަކަށް ވުރެ އުމުރު ދިގު ކަމަށް ހޯދުންތަކުން ދައްކަ އެވެ. ސައިންސްވެެރިން އިތުރަށް ހާމަކުރައްވާ ގޮތުގައި، އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދައްކާ ފަރާތްތަކަށް، ދިރިއުޅުމުގައި ތަފާތު ބޭނުންތައް ފުރިހަމަވެ، ހިތްހަމަޖެހިގެން ދުޅަހެޔޮ ދިރިއުޅުމެއް އުޅެވެ އެވެ. ނަތީއްޖާއެއްގެ ގޮތުން އިންސާނާގެ އުމުރު ދިގުވެ އެވެ.

އަންހެނުންގެ ހަށިގަނޑުގައި "ފޮކްސް ޕީ2″ ޕްރޮޓީން ނުވަތަ "ލެންގުއޭޖް ޕްރޮޓީން" ލެވެލް މަތިވުމުން، ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ވާހަކަ ދައްކައި އުޅެ އެވެ. މީގެ ސަބަބުން އަންހެނުންގެ އުމުރު ދިގުވެ އެވެ. ސައިންސްވެރިން ބުނާގޮތުގައި، އަންހެނުންގެ ހަށިގަނޑުގައި ހުންނަ "ފޮކްސް ޕީ2″ ޕްރޮޓީންގެ ސަބަބުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 20،000 ބަސް ވާހަކަ ދެއްކުމަށް ބޭނުންކުރެ އެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ފިރިހެނަކު ވާހަކަ ދައްކަން ބޭނުން ކުރަނީ އެންމެ 7000 ބަހެވެ.

މިހުރިހާ ކަމަކަށް ބަލާއިރު އަންހެނުންގެ ވާހަކަ ގިނަ ވާތީ ޝަކުވާ ކުރެވޭނެ ޖާގައެއް ނެތެވެ. އެއީ ދިގު އުމުރަކަށް މަގުފަހިކޮށްދޭ ކަމަކަށް ވާތީ އެވެ.