ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ހެކިބަސް ނަގަން މިއަދު ހެނދުނަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އެ މައްސަލާގައި ޔާމީނާ އެކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލް ބަލިވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ތުހުމަތު ކުރަނީ ޔާމީނަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ދިން ކަމަށެވެ. އަދި އެ ފައިސާ ގަބޫލު ކުރައްވައި، ޔާމީން މަނީ ލޯންޑާ ކުރެއްވި ކަމަށެވެ.

އެ މައްސަލާގައި ކުށް ސާބިތުވެއްޖެ ނަމަ ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ޖޫރިމަނާކުރަން ހުކުމް ކުރާނެ އެވެ.