ރީނދުލަކީ ޒަމާނުއްސުރެ ކެއިން ބުއިމުގައި މުހިއްމު ރޯލެއް އަދާކުރާ ހަވާދުގެ ބާވަތެކެވެ.

ބޭސްވެރިކަމަށް ވެސް އެއީ އެފަދަ ދެވަނައެއް ނެތް އެއްޗެވެ. ރީނދުލުގެ ސިއްހީ ފައިދާތައް ސައިންސްވެރިންނަށް އެނގެން ފެށީ އަދި ކިރިޔާ އެވެ.

މެޑިކަލް ޖާނަލްއެއްގައި ސައިންސްވެރިން ޝާއިއު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރީނދުލަކީ އާތްރައިޓިސް ހުންނަ މީހުންނަށް "ޕެއިންކިލާ" ނުވަތަ ތަދު ކަނޑުވާ ބޭހެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ރީނދޫ ނުވަތަ އިނގިރޭސި ބަހުން ނަމަ ޓިއުމެރިކް އަކީ ކުރްކުމާ ލޮންގާ ލިޔާ ގަހެއްގެ މޫ ހިއްކައިގެން އުފައްދާ އެއްޗެކެވެ. މިއީ ފުއްޕާމޭގެ ކެންސަރު، އަލްޒެއިމާސް، ހިތުގެ ބަލިތައް އަދި ޑިޕްރެޝަނަށް ފަރުވާ ކުރުމަށް ވެސް ރީނދޫ ބޭނުންކޮށްފައިވެ އެވެ.

އެކި ހޯދުންތަކުން ދައްކާ ގޮތުގައި ރީނދުލަކީ ބައެއް ވައްތަރުުގެ ކެންސަރަށް ވެސް ފަރުވާ އެކެވެ. ސަބަބަކީ އޭގެ ސަބަބުން ކެންސަރު ސެލްތައް އިތުރުވުން ހުއްޓުވާ އެ ސެލްތައް ފެތުރުން ހުއްޓުވާތީ އެވެ.

އެންމެ ފަހުން ހެދިފައި މިވާ ޓެސްޓްތަކުގައި އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން އޮސްޓިއޯ އާތްރައިޓިސް ހުންނަ 70 މީހުންގެ ތެރެއިން ބައެއް މީހުންނަށް ޕްލެސިބޯ އަދި ބައެއް މީހުންނަށް ރީނދޫ ހިމެނޭ ބޭހެއް، 12 ހަފްތާ ވަންދެން ދިނެވެ.

އެނަލްސް އޮފް އިންޓާނަލް މެޑިކަލް ޖާނަލް ގައި މި ދިރާސާގެ ނަތީޖާތައް ޝާއިއުކޮށްފައިވާ އިރު އެ ނަތީޖާތަކުން ދައްކާ ގޮތުގައި ރީނދޫ ހިމެނޭ ބޭސް ދެވުނު މީހުން ކަކުލުގައި ރިއްސައިގެން ރިޕޯޓުކުރި ވަރު އާދައިގެ ބޭސް ދެވުނު މީހުންނަށް ވުރެ މަދެވެ. އަދި މިއިން އެއްވެސް ސައިޑް އިފެކްޓެއް ވެސް ފެނިފައިނުވެ އެވެ.

ދިރާސާވެރިން ބުނެފައިފައިވާ ގޮތުގައި އޮސްޓިއޯ އާތްރައިޓިސްއަށް މިހާތަނަށް ވަކި ފަރުވާއެއް ހޯދިފައިނުވާ ކަމަށާއި ކުރެވެން އޮންނަހާ ވެސް ކަމަކީ ތަދު ކަޑުވަން ބޭސް ދިނުމެވެ.