ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި ކެޕްޓަން މުހައްމަދު އަމީން މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ޢަމީންއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އަމީން ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަހުގެ ތެރޭގައި ދިނުމަށް މޯލްޑިވިއަންގެ މައްޗަށް ކުރި ހުކުމުގައިވެ އެވެ. އަދި މަގާމުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ވެސް ދިނުމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ. ނަމަވެސް އެ މުއްދަތުގައި އަމީން، އެހެން ވަޒީފާއެއް އަދާކުރިނަމަ، އެ ފައިސާއެއް އުނިކުރަން ޖެހޭނެ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.

އަމީން މޯލްވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން ވަކިކޮށް، އޭނާގެ މަގާމު ދަށްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭރު އެ ކުންފުނިން ބުނެފައި ވަނީ އަމީން އެ މަގާމުން ވަކިކޮށްފައިވަނީ ކުންފުނި ރިސްޓްރަކްޗާ ކުރުމުގެ ތެރެއިން ކަމަށެވެ.

މޯލްޑިވިއަންގެ މައްޗަށް އަމީންއަށް ވަޒީފާ ދިނުމަށް ކުރި ހުކުމުގައިވާ ބުނެފައިވަނީ އަމީން އަދާކުރި މަގާމަކީ ވަކި މަގާމެއް ނޫން ކަމަށާއި، އެއީ އޭނާ އަދާކުރި ވަޒީފާއާއެކު އޮތް ޒިންމާއެއް ކަމަށެވެ.

މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި ބުންޏަސް އެގޮތަށް ބެލެވެން ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ އަދި އަމީން ވަޒީފާ އިން ވަކިކުރަންޖެހޭ ކުރަންޖެހޭ މަގްބޫލު ސަބަބެއް މޯލްޑިވިއަން އަށް ދެއްކިފައި ނުވާ ކަމަށް ވެސް ސިވިލް ކޯޓުގެ ޙުކުމުގައިވެ އެވެ.