ދިމިޝްގު (02 ޖުލައި) - މިއަދު ހެނދުނުގެ ވަގުތެއްގައި އިޒްރޭލުން ސީރިއާގެ ހުޅަނގު އައްސޭރިއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގައި އާއްމުންގެ ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ސީރިއާގެ ޑިފެންސް މިނިސްޓްރީއިން ބުނެފި އެވެ.
"މިއަދު ހެނދުނު 6:30 ހާއިރު އިޒްރޭލުން ވަނީ އަލް ހަމީދިއްޔާގެ ޖަނަވާރު ގެންގުޅޭ ބިންތަކަށް ހަމަލާ ދީފައި،" އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަމަލާ ފޮނުވާލާފައިވަނީ މެޑިޓިރޭނިއަން ކަނޑުން ލުބްނާންގެ ހުޅަނގު ސިޓީއެއް ކަމަށްވާ ޓްރިޕޯލީއާ ދިމާލުން ކަމަށެވެ.
މި ހަމަލާގައި ޒަހަމްވި ދެ މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށާއި އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
2011 ވަނަ އަހަރު ސީރިއާ ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން ވަނީ އެތައް ސަތޭކަ މިސައިލެއް ސީރިއާއާ އަމާޒުކޮށް ފޮނުވާލާފަ އެވެ. މި ހަމަލާތަކުގައި އެތައްހާސް އާއްމުންގެ ފުރާނަވެސް ވަނީ ގެއްލިފަ އެވެ.
މިދިޔަ މަހު އިޒްރޭލުން ސީރިއާއަށް ދިން ހަމަލާއެއްގައި ދިމިޝްގުގެ އެއާޕޯޓަށް ގެއްލުންތަކެއް ލިބި އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ވަނީ މެދުކެނޑިފަ އެވެ. -- އަލް އަރަބިއްޔާ