އުމުރުން ދުވަސް ވުމުން ގޭގައި ހޭދަ ކުރަން ޖެހޭ ވަގުތު ގިނަވެ އެވެ. މިހެން ގޭގައި ހުންނަ ވަގުތު ކާފަ އަދި މާމަ ދަރިން ބަލާނަމަ އެމީހުންގެ އުމުރު ދިގުވާ ކަމަށް ދާދި ފަހުން އެމެރިކާގައި ހެދި ދިރާސާ އަކުން މިވަނީ ހާމަވެފަ އެވެ.

"ބާލިން އޭޖިން ސްޓަޑީ" ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ރޮނަން ފެކްޓޯރާ ބުނެފައިވާ ގޮތުގައި އަބަދު އެ ދަރިން ނުބެލި ކަމުގައި ވިޔަސް، އެ ކުދިންނާއެކު ގިނަ ވަގުތު ހޭދަ ކުރުމުން އެމީހުންގެ ސިއްހަތަށް އޭގެ ފައިދާތައް ކުރެ އެވެ.

"އުމުރުން 90އަށް ވުރެން މަތީގެ މީހުން ކަންކަން ހަނދާނުގައި ބަހައްޓަން ވަރަށް އުނދަގޫވޭ. އަދި އުމުރުން 70 އަހަރަށް ވުރެން މަތީގެ މީހުންނަށްވެސް ހަނދާން ބަލި ޖެހޭ. އެކަމަކު މާމަ އަދި ކާފަ ދަރިން ބަލާނަމަ މި މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ" ޑރ. ފެކްޓޯރާ ވިދާޅުވެފައިވެ އެވެ.

އުމުރުން ދުވަސްވީ އެތައް ހާސް މީހުންނެއް ބައިވެރި ކުރުވައިގެން ކުރިއަށް ގެންދިޔަ މި ދިރާސާ އިން އިތުރަށް ހާމަވެފައިވާ ގޮތުގައި މުސްކުޅިވެފައި ވާއިރު މިގޮތަށް އެ ކުދިންނާއި އެކު ވަގުތު ހޭދަ ކުރުމުން ސްޓްރެސް ދަށް ކުރަން އެހީތެރިވެ އެވެ.

އެހެންކަމުން، ތިމާގެ ދަރިން އެ ކުދިންގެ ކާފަ އަދި މާމަ އާއި އެކު ގިނަ ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ދިނުމަކީ އެކުދިންނަށާއި އަމިއްލަ މައިންބަފައިންނަށް ވެސް މުހިއްމު ކަމެކެވެ..